ސިޔާސީ ޕާޓީތަކައް ބޭނުންވާ ފައިސާ ފަންޑު ރައިޒްކޮށްގެން ހޯދޭނެ ކަމަށާއި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޫކުރުމަކީ އިސްރާފެއް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު އިއްޔެ "ވަން" އަށް ވިދާޅުވެފައި ވަނީ، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭ އުސޫލު މިހާރު އޮތީ އެންމެ އިންސާފުވެރި ގޮތަށް ނޫން ކަމަށް ހުރިހާ ޕާޓީތަކުންވެސް ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ ހުށަހަޅުއްވާފައި ވޯޓުގެ ނިސްބަތުން ނުވަތަ ވޯޓުގެ އަދަދަށް ބަލާފައި ވަކި ޕަސަންޓޭޖަކަށް ފައިސާ ދޫކުރުމަށް،" ފުއާދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ރިޔާޒު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފު ހުއްޓާލަންޖެހޭ ކަމަށެވެ.
ރިޔާޒު އެހެން ވިދާޅުވި އިރު، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން މަނާކުރާ ބިލެއް އެމްއެންޕީގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ.
އުޝާމް ވިދާޅުވާ ގޮތުން، ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި 3،000 މެންބަރުން ހަމަނުވިޔަސް ޕާޓީތައް އުވާ ނުލެވޭ ގޮތަށް ހެދުމަށްވެސް އުޝާމް ވަނީ ހުށަހަޅުއްވައިފައެވެ.