އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި ވިދާޅުވީ، ބަރަކާތްތެރި އީދުގެ އުފާ ފާހަގަކުރާ އިރު، އަޒުމަކަށް ހަދަންވީ އެކަކު އަނެކަކާ މެދު ހިތް ސާފުކޮށް، ހިތްހެޔޮކަމާއި އެކުވެރިކަން މަތީގައި ދެމިތިބުމަށް ކަމަށެވެ.

"އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމުގައި، އާއިލާއަށް އިސްކަން ދިނުމާއެކު، ގާތްތިމާގެ މީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އީދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެކެވެ. އަދި ރައްޓެހިންނާއި ރަހުމަތްތެރިންނާއި އެކުވެރިންނާ އެކުގައިވެސް، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ވަގުތުކޮޅެއް ހާއްސަކޮށްލުމަކީ މުހިންމު ކަމެކެވެ..،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަޟްހާ އީދު ފާހަގަކުރުމަށް ކަނޑައެޅިފައި އޮތުމުން، ހާއްޖުގެ އަޅުކަމާ ގުޅިފައިވާ އިބުރަތްތެރި ފިލާވަޅުތަކުން، އިލްހާމް ލިބިގަންނަންޖެހޭ ކަމަށެވެ. ނަފްސު ތާހިރު ކުރުމާއި، މީސްތަކުންގެ މެދުގައި ތަފާތު ނުކުރުމާއި، އެކުވެރިކަމާއި އެއްބައެއްގެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކުރުމާއި، ދަތިތަކާއި މުސީބާތްތަކަށް ކެތްތެރިވުމަކީ ހައްޖުގެ މަނާސިކުތަކުން ލިބިދޭ އެންމެ އަގުހުރި ދަރުސްތައް ކަމަށެވެ.

"މިއީ، މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ގައުމީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، އަޅުގަނޑުމެންގެ މެދުގައި އާލާކުރަންޖެހިފައިވާ ކަންކަމެވެ..،" ރައީސް ވިދާޅުވިއެވެ.

އުފާވެރި ކޮންމެ މުނާސަބަތެއް ހަނދާންކޮށްދެނީ، ކޮންމެ ކަމެއް ހާސިލުކުރުމުގައި ވެސް، ސަބަބުތަކުގައި ހިފުމާއެކު، މާތްﷲ އަށް ވަކީލުކޮށް އެކަލާނގެ ހަޒްރަތުގައި ދުއާ ދެންނެވުމުގެ މުހިންމުކަން ކަމަށާއި މި ބަރަކާތްތެރި އީދުގެ އުފާފާޅުކުރާ އިރު، އެކަކު އަނެކަކަށް އެހީތެރިވެ އީދުގެ ހަދިޔާ ބަދަލުކޮށް ހެޔޮ ދުއާކުރުމަކީ ހިތްތަކުގައިވާ ހަސަދައިގެ ކިލަނބުކަން ފިލުވައި، އެއްބައިވަންތަކަމާއެކު ގައުމައިގެން ކުރިއަށްދިޔުމަށް މަގުފަހިކޮށްދޭނެ ކަމެއްކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ މެދުގައި ފެތުރެމުންދާއިރު، ކޮންމެ ކަމެއްގައިވެސް ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ، ގައުމުގެ މަސްލަހަތަށް އިސްކަން ދިނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.