ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯސް ފަށަން ތައްޔާރުވެއްޖެއެވެ. އެސްޓީއޯއިން އިއްޔެ ބުނީ، އެ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެފްޓެމްބަރު ކަމަށެވެ.
ފުރަތަމަ ބެޗުގައި ކޯހަށް ހޮވޭ 25 ކުދިންގެ ކޯސްފީ ހަމަޖައްސައިދޭނީ އެސްޓީއޯއިން ކަމަށް އެ ކުންފުނިން ބުންޏެވެ. އެސްޓީއޯއިން ބުނީ، ކޯހަށް ވަނުމުގެ ޝަރުތަކީ އޭލެވެލް ސައިންސްޓްރީމްގެ ދެ މާއްދާއިން ފާސްވެފައިވުން ކަމަށެވެ.
ރޭޑީއޯގްރަޕީގެ އެ ކޯހަކީ ލެވެލް 5، ޑިޕްލޮމާ ފެންވަރުގެ ކޯހެއް ކަމަށާއި ކޯހުގެ މުއްދަތަކީ ދެ އަހަރާއި ހަ މަސް ދުވަސްކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ދެ އަހަރު ކޯހުގެ ތިއަރީ ބައި ކުރިއަށްގެންދާއިރު، އިންޓާންޝިޕް މުއްދަތަކީ ހަ މަސް ދުވަސްކަމަށް އެސްޓީއޯއިން ބުންޏެވެ.
ހެލްތު މިނިސްޓްރީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އެސްޓީއޯ ގުޅިގެން، ކުރިއަށްގެންދާ އެ ކޯސް ރާއްޖެއަށް ތައާރަފްކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ (އެމްކިޔުއޭ) އާއި އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ އެ އިދާރާތަކުގެ ހުއްދަ ލިބިފައިވާ ކޯހެކެވެ.
ރޭޑިއޯގްރަފީ ކޯހުގެ ކިޔެވުން ކުރިޔަށް ގެންދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި 2019 އަހަރު ރަޖިސްޓަރީ ކުރެވުނު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓް އާއި މިދިޔަ އަހަރުގެ ޖޫންމަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގައެވެ.