ޑޮމެސްޓިކް އުދުހުންތަކުގައި ނުވަތަ އެތެރޭގެ އުދުހުންތަކުގައި މިއަދު ރެކޯޑު އަދަދަކަށް މީހުން ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ޑޮމެސްޓިކް އެއާ ޓްރެފިކް މޫވްމަންޓް މިއަދު 125 އަށް އެރި ކަމަށާއި އެއީ ވެސް ރެކޯޑެއް ކަމަށެވެ. އަދި އެ ދަތުރުތަކުގައި 3،300 އަށްވުރެ ގިނަ ފަސިންޖަރުން ރާއްޖޭގެ އެކި މަންޒިލުތަކަށް ދަތުރުކޮށްފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
ރެކޯޑު އަދަދަކަށް މީހުން ދަތުރުކޮށްފައި މިވަނީ އީދު ބަންދާއި ސްކޫލު ބޮޑު ޗުއްޓީ ފެށުމާ ދިމާކޮށެވެ. މި ބަންދުގައި ރާއްޖެއިން ބޭރަށް ވެސް ގިނަ އަދަދެއްގެ ދިވެހިން އަންނަނީ ދަތުރުކުރަމުންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މި ދުވަސްވަރު ބާރު ބޮޑުވާތީ ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިން ވުމަށް އެމްއޭސީއެލުން ވަނީ އަންގައިފައެވެ. އަދި ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ރާއްޖޭގައި އެތެރޭގެ އުދުހުންތައް ކުރާ އެއާލައިންތައް ކަމަށްވާ މޯލްޑިވިއަނާއި ފްލައިމީ އަދި މަންޓާ އެއާ އިން ވަނީ ފްލައިޓު ދަތުރުތައް ވެސް އިތުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު