ނިއު ރޭޑިއަންޓުން ފައިސާއެއް ދޭން ޖެހިފައި އޮތް ހުރިހާ ފަރާތްތަކަށް އެ ދަރަނިތައް އަދާކުރާނެކަމުގެ ޔަގީންކަންދޭ ކަމަށް ކްލަބުގެ ޗެއާމަން އަހުމަދު ވާސިފް ވިދާޅުވެއްޖެއެވެ.

ވާސިފް "ވަން" އަށް ވިދާޅުވީ ނިއުގެ ޗެއާމަންކަމާ ހަވާލުވެ، މިއަދާ ހަމައަށް ކުރި މަސައްކަތަކީ ކުޅުންތެރިންނަށް އެ ކްލަބުން ދަރާފައިވާ ދަރަނިތައް ފޫބެއްދުމުގެ މަސައްކަތްތައް ކަމަށާއި އެ މަސައްކަތުގެ ތެރެއިން ފީފާއަށް ދޭންޖެހޭ 215،000 ޑޮލަރު ދައްކައި، ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ދިވެހި ކުޅުންތެރިންނާއެކު އެގްރީމަންޓްތައް ހަދައި، މިހާރު އެފްއޭއެމްގެ ސަސްޕެންޝަނުންވެސް ކްލަބު ސަލާމަތްވެފައިވާ ކަމަށެވެ.

އެ ހިސާބުން ކްލަބުގެ ދަރަނިތައް އަދާކުރެވުނު ކަމަށް ނުނިންމާ ކަމަށް ފާހަގަކުރައްވައި އޭނާ ވިދާޅުވީ ކުރީގެ މެނޭޖްމަންޓުގެ ފަރާތުންވެސް ގިނަ ފަރާތްތަކަކަށް ދޭންޖެހޭ ފައިސާ އަދި ނުދެއްކި އެބަހުރި ކަމަށެވެ. އަދި ސްޕޮންސާޝިޕްގެ ކަންކަން ހަމަޖައްސައި އެ ފައިސާތައްވެސް ދައްކާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަވާލުވީ ތިޖޫރީއެއްގެ ތަޅުދަނޑިއަކާ ނޫން. އަޅުގަނޑުމެން ހަވާލުވީ ދަރަނިވެރިވެފައި އޮތް ކްލަބަކާ. އޮބްވިއަސްލީ ދަރަނި އޮންނާނެ. ދައްކަން ހުރި ދަރަންޏެއް ވިއްޔާ ދައްކާ ހަލާސްކުރާނަން،" ވާސިފް ވިދާޅުވިއެވެ.

ވާސިފް މިހެން ވިދާޅުވި އިރު، ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕު) އަށް ނިއު އިން ދޭންޖެހޭ އެޕާޓްމަންޓް ކުލީގެ ފައިސާ ނުލިބިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ޝުއޫރުފާޅުކޮށްފައެވެ. ހަމްޕު ބުނެފައި ވަނީ ކުލަބު އެންމެ ބޮޑަށް ބިކަވި ދުވަހު އަމިއްލަ އެޕާޓްމެންޓް ނިއުއަށް ދިނީ ކުޑަ އަގެއްގައި ކަމަށާއި ކުލި ނުދެއްކިގެން ދިޔަ ހާލުގައިވެސް އަށް މަސް ދުވަސް ވަންދެން ކުލަބުގެ ހާލަތަށް ވިސްނާފައި ކެތްކުރި ކަމަށެވެ. އަދި ކުލި ނުދައްކާ ހަ މަސް ފާއިތުވުމުން ހަތް ވަނަ މަހުގައި ތަން ހުސްކުރުމަށް ނޯޓިސްދީ، ޖެހިގެން އައި މަހުގައި ތަން ހުސްކޮށްފައި ނުކުތް އިރުވެސް ޓީމަށް ދެރައެއް ލިބިދާނެ އަދި މަސްލަހަތު ގެއްލޭނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ބުންޏެވެ.

ހަމްޕު ބުނީ އެ މައްސަލައިގައި ކޯޓަށް ދެވެން އޭރުވެސް އަދި މިހާރުވެސް އޮތް ކަމަށާއި އެކަން ނުކުރާން ހުރީ ނިއުއަށް ހެޔޮ އެދޭ ސަޕޯޓަރަކަށްވާތީ ކަމަށެވެ. ހަމްޕުއާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވަނީ އެ މައްސަލައިގައި ނިއުއާ ދެކޮޅަށް އޭނާ ކޯޓަށް ދާން ތައްޔާރުވެފައިވާ ކަމަށެވެ.

"އަޅުގަނޑު ގުޅިން ހަމްޕުއަށްވެސް. އެ ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން އޮންނާނީ ދީފައި. ދޭން އޮތް ކޮންމެ ފައިސާއެއްވެސް ދޭނަން. އެކަމަކު ފުރަތަމަ ސަސްޕެންޝަނުން ސަލާމަތްވެ، މިހާރު މަސައްކަތް ކުރަނީ ސްޕޮންސާޝިޕަކަށް. އެކަން ހަމަޖެހުމާއެކު ފައިސާ ދޭނެ ކަމަށްވެސް ބުނެފައިވާނެ. އަދި އޭގެ އިތުރުން ސެޓަލްމަންޓް އެގްރީމެންޓެއް ހަދަންވެސް އެ ދުނިން. އެގްރީމެންޓްތަކަށް އިތުބާރު ނުކުރާނެ ކަމަށް އެކޮޅުން ބުނި. ދެން ހަމްޕު ބުނެފައި އެބަހުރި ނިއުއިން ނިންމީ ދެބައިކޮށްފައި އެއްބައި ދޭށޭ. އެކަމަކު އެހެން ނުބުނާނެ ނިއު އަކުންނެއް،" ވާސިފް ވިދާޅުވިއެވެ.

ވާސިފް އިތުރަށް ވިދާޅުވީފައިސާ ދޭން ޖެހޭ އެހެން ފަރާތްތައްވެސް އެބަހުރި ކަމަށާއި އެ ފަރާތްތައް ހަނދާން ނައްތާ ނުލާނެ ކަމަށެވެ.

ދަރަނީގެ މައްސަލަތަކާ 2019 ވަނަ އަހަރު ސަސްޕެންޑް ކުރި ނިއު، އަލުން ފުޓުބޯޅައަށް ގެނައުމަށް އެކި ފަހަރު މަސައްކަތްކޮށް، އެންމެފަހުން ހަރުދަނާ ފިޔަވަޅެއްގައި އެކަން ކުރަން ފެށީ ވާސިފް ޗެއާމަނު ކަމަށް އިންތިހާބު ކޮށްގެންނެވެ. އެ މަސައްކަތަށް އެފްއޭއެމް އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބެކިން ދީފައިވާ އިރު، މިހާރު ކްލަބުން މަސައްކަތް ކުރަމުން ދަނީ ދެވަނަ ޑިވިޝަނުގައި ވާދަކުރުމަށެވެ.