ސްރީ ލަންކާ އިގުތިސޯދީ ގޮތުން ބަނގުރޫޓުވެ އެގައުމުގެ އެއާޕޯޓުތަކުން ޖެޓް ފިޔުލް ނުލިބޭތީ، ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ)އިން ވިއްކާ ޖެޓް ފިޔުލަށް ޑިމާންޑު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތޯހާ ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް ކޯޕަރޭޓް އޮފީހުގައި މިއަދު އެމްއޭސީއެލް އާއި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޯހާ ވިދާޅުވީ، ލަންކާއަށް ދިމާވެފައިވާ އިގުތިސޯދީ ކާރިސާގެ ސަބަބުން ކުރިން 10،000 ލީޓަރުގެ ތެޔޮ އަޅާ ފުލައިޓުތަކުން މިހާރު 40،000 ލީޓަރުގެ ތެޔޮ އަޅަމުންދާ ކަމަށެވެ. ތެޔޮ ވިއްކުން ލިމިޓްކޮށް ދޫކުރަން ނިންމީ އެސަބަބާހުރެ ކަމަށް ތޯހާ ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ)ގެ ފިއުލް ކެޕޭސިޓީއަކީ 13 މިލިއަން ލީޓަރު ކަމަށާއި އާންމު ގޮތެއްގައި ތެލަށް އެންމެ ޑިމާންޑު ބޮޑުވަނީ ސަމާ އާއި ވިންޓާ ސީޒަނުގައި ކަމަށެވެ. ނަމަވެސް ކޮލަމްބޯ އެއާޕޯޓުން ތެޔޮ ނުލިބޭތީ މިހާރު ކުރިއަށްވުރެ ބޮޑަށް ވީއައިއޭގެ ތެލަށް ޑިމާންޑު ބޮޑު ކަމަށް ތޯހާ ވިދާޅުވިއެވެ.
"މިއީ ސަމާ އެހެންނަމަވެސް އަޅުގަނޑުމެންގެ ލޯޑް ވަރަށް ބޮޑު. ހާއްސަކޮށް ސްރީލަންކާގެ ކޮލަމްބޯގައި ފިއުލް ލިބެން ނެތީމަ އެއާޕޯޓުން ފިއުލް ނަގާވަރު ވަރަށް ބޮޑު. މާލެއިން ސްރީލަންކާއަށް ދާ ފްލައިޓް ދެކޮޅަށްވާ ވަރަށް ފިއުލް އެބަނަގާ. އެހެންވެ އަޅުގަނޑުމެންގެ ފޯކާސްޓަށްވުރެވެސް އިތުރަށް ތެޔޮ ވިއްކަން ޖެހޭ،" ތޯހާ ވިދާޅުވިއެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން އެ ގައުމަށް ތެޔޮ ލިބުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ގިނަ އަދަދެއްގެ މަތިންދާ ބޯޓުތަކުން ދަނީ ވީއައިއޭ އިން ތެޔޮ އަޅަމުންނެވެ. އެހެންވެ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ މަތިންދާ ބޯޓުތަކަށް ތެޔޮ ދޭ މިންވަރު ލިމިޓްކޮށްފައެވެ.
ތޯހާ ވިދާޅުވީ، ސްރީ ލަންކާއަކީ ރާއްޖޭގެ އަވައްޓެރި ގައުމެއް ކަމަށާއި އެހެންކަމުން އެގައުމަށް ވަރަށް ބޮޑަށް އެހީތެރިވަމުންދާ ކަމަށެވެ. އެގޮތުން ލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންއަށް ވެސް އެހީތެރިވަމުންދާ ކަމަށާއި އެ އެއާލައިނުގެ ހުރިހާ ފުލައިޓަކަށް ތެޔޮ އަޅަނީ ވީއައިއޭއިން ކަމަށް ތޯހާ ވިދާޅުވިއެވެ.
ވީއައިއޭއިން ވިއްކާ ތެލަށް ބާރު ބޮޑުވުމުގެ ސަބަބުން ލިމިޓް ކުރިނަމަވެސް ރާއްޖެއަށް ޖައްސައި އަދި ފުރާ ހުރިހާ ބޯޓު ފަހަރަށް ބަރާބަރަށް ތެޔޮ ފޯރުކޮށްދެމުންގެންދާ ކަމަށް ވެސް ތޯހާ ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، ތެޔޮ އުފުލުމުގައި އޮންނަނީ އެއް މަސް ކުރިއަށް ލޯޑް ޕޯޓަށް އަންގަން ޖެހޭ ގޮތަށަށް ކަމަށާއި މިހާރު ދިމާވެފައިވާ މައްސަލައަކީ އެއްމަސް ދުވަސް ކުރިން ހަދާފައިވާ ޝެޑިއުލަށް ވުރެ އިތުރަށް ތެޔޮ ސަޕްލައިކޮށްދޭން ޖެހުން ކަމަށެވެ.
އަމްރު އިތުރަށް ވިދާޅުވީ، ޖެޓް ފިޔުލް ޝިޕްމެންޓް ހަފުތާއަކަށް ލަސްވުމަކީ މައްސަލައެއް ނޫން ކަމަށާއި ދެވަނަ ޝިޕްމަންޓް ލިބުމާ ހަމައަށް ހުރިހާ ފްލައިޓްތަކަށް ތެޔޮ ދެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
"ރަޝިޔާ އާއި ޔޫކްރޭންއާ މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން ވަރަށް ގިނަ ފްލައިޓްތައް އެބަ ޑައިވާޓްކުރޭ މިޑުލްއީސްޓަށް. އެއީ އެތަނުން ތެޔޮ އަޅަން ވެގެން. އެހެންވެ ތެޔޮ ޕޯޓްތަކުގައި ވެސް ކޮންޖަކްޝަން އެބައޮތް. ފުލުފުލުގައި ބޯޑު މި އޮންނަނީ. އެހެންވެ އަޅުގަނޑުމެންގެ ބޯޓު ކައިރިނުވެވިގެން ދުވަސްތަކެއް އެބަދޭ،" އަމްރު ވިދާޅުވިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ލިބުމުގައި ދެ ތިން ދުވަސް އާންމު ގޮތެއްގައި ލަސްވާ ކަމަށާއި ނަމަވެސް އެއީ ވެސް މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންކަން ދިމާވާނެތީ އަބަދުވެސް ޖެޓް ފިޔުލް ސްޓޮކްކޮށްފައި ބަހައްޓާ ކަމަށެވެ.