ރޭޕުގެ ތުހުމަތުގައި ޕްރިމިއާ ލީގުގައި ކުޅޭ ފުޓުބޯޅަ ކުޅުންތެރިޔަކު، ނޯތު ލަންޑަނުން އިއްޔެ ހައްޔަރުކޮށްފިއެވެ.
ރޭޕްގެ މައްސަލައަކާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ ކޮން ކުޅުންތެރިއެއް ކަމެއް މީޑިއާތަކުން ހާމަކޮށްފައެއް ނުވެއެވެ. މީޑިއާތަކުން ބުނެފައި ވަނީ އެއީ 29 އަހަރުގެ ކުޅުންތެރިއެއް ކަމަށާއި ހައްޔަރުކޮށްފައި ވަނީ ނޯތު ލަންޑަނުން ކަމަށެވެ. އަދި އެއީ ގައުމީ ޓީމަކަށް އާންމުކޮށް ކުޅޭ ކުޅުންތެރިއެއް ކަމަށްވެސް ރިޕޯޓް ކޮށްފައިވެ އެވެ.
ބީބީސީ ސްޕޯޓްސްއިން އިއްޔެ ބުނެފައި ވަނީ "އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި 29 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ." އެ ރޭޕް ހިނގާފައިވާ ކަމަށް ފުލުހުން ބުނީ މިދިޔަ މަހުގެ ތެރޭގައެވެ.
ރޭޕްގެ މައްސަލަތަކުގައި މީގެ ކުރިންވެސް ފުޓުބޯޅަ ކުޅުންތެރިން ހައްޔަރު ކޮށްފައިވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް ގްރީންވުޑްވެސް ރޭޕްގެ މައްސަލައަކާ ހައްޔަރު ކޮށްފައިވެއެވެ. އެ މައްސަލައިގެ ސަބަބުން ގްރީންވުޑްގެ ކެރިއަރު ވަނީ ނިމުމަކަށް އައިސްފައެވެ.