ރޭ ބޮޑުތަކުރުފާނު މަގުގައި، ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ހާލުވެސް ސީރިއަސް ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ވެންޓިލޭތަރުގައި ފަރުވާ ދެމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

މިއީ މިފަހުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ. އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނިކޮށް އެކަކު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ، ގއ. މާމެންދުއަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ މަރިޔަމް އަމާނީ ރަޝީދުއެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ އެކްސިޑެންޓާއި ގުޅިގެން މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ ހަތަރު މީހުންނަށް ކަމަށެވެ. އަދި އެ ހަތަރު މީހުންގެ ހާލުވެސް ސީރިއަސް ކަމަށާއި އޭގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އަނިޔާވެ މިހާރު ފަރުވާދެމުން އަންނަ މީހުންގެ އުމުރު އަދި އެމީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ އާއިލާ މީހުންނާއެކު ކާރު ދުއްވަން ނިކުމެ އުޅުމުގެ ތެރޭގައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުންނަށް ކަމަށްވެސް އެނގިފައިވެއެވެ.

އެ އެކްސިޑެންޓު ހިނގި ވީޑިއޯއިން ފެންނަނީ އިއްޔެ ހަވީރު މާލޭއަށް ވާރޭ ވެހުނު ވަގުތު، ރަތްކުލައިގެ ކާރެއް ވަރަށް ބާރަށް ދުއްވާފައި އަންނަނިކޮށް ކާރު، ކޮންޓްރޯލުން ނައްޓާލައި، ކަހާލައިގެން އެނބުރެމުން އެނބުރެމުން ގޮސް އެހެން ކާރެއްގައި ޖެހުމަށްފަހު، އެމްޓީސީސީ ބަހެއްގެ ކުރީކޮޅުގައި ޖެހޭތަނެވެ.

ރަތް ކުލައިގެ ކާރު މާފަންނާވީ ކޮޅުން ހެންވޭރާވީ ކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލައިނުންނެވެ. އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކް ބަހެއް ވެސް ދިޔައީ ދަތުރުކުރަމުންނެވެ. އެ ދެ ވެހިކަލް އޮތީ ކުރިމަތިން ދިމާ ނުވާ ގޮތަށް މަގުގެ ދެ ފަޅީގައެވެ.

ކަސްރަތަށް ނުކުމެ އުޅުނު ދެމީހަކުވެސް ކާރު ދުއްވާފައި އައި ލޭނުން ދުވަމުން ދިޔަ މަންޒަރު ފެނެއެވެ. އެ ދެމީހުންގެ ގައިގައިވެސް ކާރު ނުޖެހުނީ ކިރިޔާއެވެ. އެކްސިޑެންޓްވުމުން ވަގުތުން އެ ދެމީހުން އެހީތެރިވާން ދިޔަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އެ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެކުވެނި ދަނޑު ކައިރީ ބޭރުން މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގޮސް ބަހުގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި ރަތްކުލައިގެ ކާރު އެއްކޮށް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހަށްވެސް ގެއްލުންވެފައިވާއިރު، ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފައެވެ. އަދި އެހެން ކާރަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.