މާލޭ ސިޓީގައި މިއަދު ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ބަހުގައި ޖެހިގެން ކަމަށް އެ ނުރައްކާތެރި އެކްސިޑެންޓުގެ ހިނގި ވީޑިއޯ އިން ހާމަވެއްޖެއެވެ.

މިއީ މިފަހުން މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓެވެ. އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް އެކަކު ވަނީ މަރުވެފައެވެ. މަރުވެފައިވަނީ، ގއ. މާމެންދުއަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ އަމާނީ ރަޝީދުއެވެ. އަނިޔާވި އެހެން މީހުންނަށް ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ. އަދި އެ ތިން މީހުން އަދިވެސް ހޭ ނާރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހާދިސާގައި ބަހުގެ ޑްރައިވަރާއި ކޮންޑަކްޓަރަށްވެސް ވަނީ އަނިޔާވެފައެވެ.

އެ އެކްސިޑެންޓު ހިނގި ވީޑިއޯއިން ފެންނަނީ މިއަދު ހަވީރު މާލޭއަށް ވާރޭ ވެހުނު ވަގުތު، ރަތްކުލައިގެ ކާރެއް ވަރަށް ބާރަށް ދުއްވާފައި އަންނަނިކޮށް ކާރު، ކޮންޓްރޯލް ނުވެ، އެނބުރެމުން ގޮސް އެހެން ކާރެއްގައި ޖެހުމަށްފަހު، ބަހުގެ ކުރީކޮޅުގައި ޖެހޭތަނެވެ.

ރަތް ކުލައިގެ ކާރު މެރީ ބްރައުން ރެސްޓޯރަންޓާވީ ކޮޅުން ހެންވޭރާވީ ކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި އައީ ކާރު ދުއްވާ ލޭނުންނެވެ. އެ ވަގުތު މަގުގެ އަނެއް ކޮޅުން އެމްޓީސީސީގެ ޑަބަލް ޑެކް ބަހެއް ވެސް އައީ ދަތުރުކުރަމުންނެވެ. އެ ދެ ވެހިކަލް އޮތީ ކުރިމަތިން ދިމާ ނުވާ ގޮތަށް މަގުގެ ދެ ފަޅީގައެވެ.

ކާރު ދުއްވާފައި އައި ލޭނުން ކަސްރަތަށް ދެމީހުން ދުވަމުންދާ މަންޒަރު ފެނެއެވެ. އެ ދެމީހުންގެ ގައިގައި ކާރު ނުޖެހުނީ ކިރިޔާއެވެ. އެކްސިޑެންޓްވުމުން ވަގުތުން އެ ދެމީހުން އެހީތެރިވާން ދިޔަ މަންޒަރުވެސް ފެނެއެވެ.

އެ ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެކުވެނި ދަނޑު ކައިރި ބޭރުން މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގޮސް ބަހުގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓްގައި ރަތްކުލައިގެ ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެ، ކާރު ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހަށްވެސް ގެއްލުންވެފައިވާއިރު، ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފައެވެ. އަދި އެހެން ކާރަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.