މިއަދު ހަވީރު އެކުވެނި ކައިރީގައި ބަހަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އެކަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗް މީޑިއާ އޮފިޝަލް ދެންމެ "ވަން" އަށް ވިދާޅުވީ އެ އެކްސިޑެންޓްގައި އަނިޔާވި އެކަކަށް ފަރުވާދެމުން ދަނިކޮށް، މީގެ ކުޑަ އިރުކޮޅެއް ކުރިން މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ އަންހެނެކެވެ. އަދި އިތުރު ތިން މީހަކަށް އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ފަރުވާދެމުންދާ ކަމަށެވެ.

ފުލުހުން ދެންމެ ބުނީ، އެ އެކްސިޑެންޓުގައި ހަ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެއީ ހަތަރު އަންހެނުންނާއި ދެ ފިރިހެނުން ކަމަށެވެ. އެ އެންމެނަށް ފަރުވާ ދެމުންދާއިރު، އެކަކު މަރުވެފައިވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، އެކުވެނި ދަނޑު ކައިރި ބޭރުން މަގުން ދުއްވާފައި ދިޔަ ކާރެއް އެމަގުން ދުއްވާފައި ދިޔަ އެހެން ކާރެއްގައި ޖެހި ކޮންޓްރޯލް ނުވެގޮސް ބަހުގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މަންޒަރުދުށް މީހަކު "ވަން" އަށް ބުނީ، އެކްސިޑެންޓް ހިނގާފައިވަނީ ރަތް ކުލައިގެ ކާރު އޯވާޓެކް ކުރަން އުޅުމުގެ ތެރޭގައި އިތުރު ކާރެއްގައި ޖެހި، ކޮންޓްރޯލްނުވެ ގޮސް، ބަހުގައި ޖެހިގެންނެވެ. އެކްސިޑެންޓްގައި ކާރުގައި ތިބި ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އެކްސިޑެންޓްގައި ކާރުގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުންވެ، ކާރު ވަނީ ފުނޑުފުނޑުވެފައެވެ. އަދި ބަހަށްވެސް ގެއްލުންވެފައިވާއިރު، ބަހުގެ ކުރީކޮޅު އޮތީ ބަނޑިވެފައެވެ. އަދި އަނެއް ކާރަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ.