އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް ކްލަބް ވެލެންސިއާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗު ވަރުގަދަކޮށް ފެށީ ވެލެންސިއާއިންނެވެ. ހަވަނަ މިނެޓްގައި ވެލެންސިއާގެ ކުރިއަށް ކުޅޭ މުހައްމަދު އައިހަމް އިބްރާހިމް އަރިމަތިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރަނގަޅަށް ފަށައި، ވެލެންސިއާއިން ލީޑުނެގީ މެޗުގެ 22 ވަނަ މިނެޓްގައި އަގްސަން އަހުމަދު ނަސީމް ޖެހި ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ އަކުން އަގްސަން ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު އާރިޒް ބިން ޝާހިދު އަތުގައި ޖެހިފައި ނުކުތް ވަގުތު، އަގްސަން ވަނީ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ޔޫވީން ހަމަލާތައް ގިނަ ކުރިއެވެ. އަހުމަދު އަޒުލާން އަލީ ފޮނުވާލި ދެ ހަމަލާވެސް ދިފާއުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލެންސިއާގެ ގޯލްކީޕަރު އަބްދުލް ރަޒީފެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 15 މިނެޓް ހިނގިތަނާ، މެޗުގެ 55 ވަނަ މިނެޓްގައި ވެލެންސިއާގެ ކުރިއަށް ކުޅޭ އަަގްސަންއަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފައެވެ.
ވެލެންސިއާ އިން ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް މެޗުގެ 68 ވަނަ މިނެޓްގައި އައިހަމް ވަނީ ވެލެންސިއާގެ ދެވަނަ ގޯލު ޖަހައިފައެވެ. އައިހަމް ބޯޅަ ހިފައިގެން އޭރިއާ ތެރެއިން ވަދެ، ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ވެލެންސިއާއިން ލީޑުފުޅާކުރުމާ އެކު ޖެހިގެން ޔުނައިޓެޑް ވިކްޓަރީން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެ، 70 ވަަނަ މިނެޓްގައި ލަނޑެއް ޖަހައި އުންމީދެއް ހޯދިއެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަކުން ޔުނައިޓެޑް ވިކްޓަރީގެ މުހައްމަދު ރަޒާން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
މެޗުގެ ފަހު ކޮޅުގައިވެސް ޔޫވީން ނުރައްކާކޮށް ހަމަލާތައް އުފެއްދި ނަމަވެސް، ވެލެންސިއާގެ ކީޕަރު ރަޒީފް ފެނުނީ ތަފާތު މޮޅު ކޮށެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލެންސިއާގެ އައިހަމްއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ވެލެންސިއާގެ އަގްސަން ހޯދީ ހަ ގޯލު ޖަހައިގެންނެވެ. އެންމެ މޮޅު ކޯޗަކީ ވެލެންސިއާގެ އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. އަދި ފެއާޕްލޭ ޓީމަކަށް ހޮވުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ވެލެންސިއާގެ، ރަޒީފް، އަގްސަން، މުހައްމަދު ޖޫދު އަޝްފާގު، އަހުމަދު ހަމްދާން އަޒްލީން، ޔޫސުފް ނަމިކް އަލީ ނަސީރު، ޓީސީގެ ޔޫސުފް އާއިޝް މުހައްމަދު، އީގަލްސްގެ އަޝްހަމް އިބްރާހިމް މުހައްމަދު، ޔުނައިޓެޑް ވިކްޓަރީގެ އަޒުލާން، މުހައްމަދު އުނައިޝް ބިން ނޫހު، ރަޒާން، އަދި އަހުމަދު އަލްތަފް އަޒީމެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް