ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ.
ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ނަޖާހް ޝަރީފެވެ.
މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ރީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 45،998،170.00 ރުފިޔާއަށް ނުވަ މަސް ދުވަސް (270 ދުވަސް) ތެރޭގައި ނިންމުމަށެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ، އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓު ހުންނާނެއެވެ. އަދި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެއެވެ.
އެތަނުގައި ދިރިއުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ހަދާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު