ގައުމީ ވޮލީބޯޅަ ލީގު

ހުރިހާ މެޗަކުން މޮޅުވެ ސްޕޯޓްސް ކްލަބު ސިޓީން ލީގު އައްޑަނަ އުފުލާލައިފި

ގައުމީ ވޮލީ ލީގުގައި ކުޅުނު ފަހު މެޗުގައި ކުލަބު ވެމްކޯވެސް ބަލިކޮށް، މައިލޯ ގައުމީ ވޮލީ ލީގުގެ ހުރިހާ މެޗަކުން މޮޅުވެ، ސްޕޯޓްސް ކުލަބު ސިޓީން އައްޑަނަ އުފުލާލައިފިއެވެ.

ގައުމީ ވޮލީބޯޅަ ލީގުގައި ސްޕޯޓްސް ކުލަބު ސިޓީން ރޭގެ މެޗަށް ނުކުތްއިރުވެސް އޮތީ ލީގުގެ އެއްވަނަ ޔަގީންކޮށްފައެވެ.

އެ ޓީމުން ރޭގެ މެޗު ކާމިޔާބުކުރުމާ އެކު ލީގުގައި ކުޅުނު ފަސް މެޗުން ވަނީ 15 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ސިފައިންގެ ކުލަބަށް 12 ޕޮއިންޓް ލިބުނު އިރު، ތިން ވަނަ ލިބުނު ކުލަބު ވެމްކޯއަށް ލިބުނީ އަށް ޕޮއިންޓެވެ. ހަތަރު ވަނައަށް ދިޔަ ޕޮލިސް ކުލަބަށް ލިބުނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް ދެ ޓީމު ކަމަށްވާ އޮއްފު އެފްސީއާއި ސްޕޯޓްސް ކުލަބު ގުޑީސް މިރޭ ލީގުގެ ފަހު މެޗުގައި ވާދަކުރާނެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ވެމްކޯއާ ވާދަކޮށް 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ގެންދިޔައީ 23-25ގެ ނަތީޖާއަކުންނެވެ. އެ ސެޓުގައި ވެމްކޯގެ އަޝްވަލް ރާއީއާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ތަފާތު ދެއްކި އިރު، ސިޓީން ފަހަތުން އަރައި ތިން ސެޓު ގެންދިޔައެވެ. ދެވަނަ ސެޓު ސިޓީން 25-14 އިން ގެންގޮސްފައިވާ އިރު، އަނެއް ދެ ސެޓު ގެންދިޔައީ 25-16 އަދި 25-12 އިންނެވެ. ސިޓީގެ ކެޕްޓަން ހުޒާމް އަލީ (ހުޒާންޓޭ) އާއި ބިދޭސީ ކުޅުންތެރިންގެ ތަފާތުވެސް ފެނުނެވެ.

ރޭގެ މެޗަށްފަހު ލީގުގެ ޗެމްޕިއަން ސިޓީއަށް ލީގު އައްޑަނަ އަދި ތިންވަނަ އަށް ދިޔަ ވެމްކޯއަށް ވެސް މެޑަލް ހަވާލުކުރުން އޮތެވެ. މެޑަލް ހަވާލުކޮށްދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކުލަބުން 3-1 ސެޓުން ޕޮލިސް ބަލިކޮށް ދެވަނަ ހޯދި އިރު، އެ މެޗަށްފަހު ސިފައިންނަށް ވަނީ ރިހި މެޑަލް ދީފައެވެ.

ގައުމީ ލީގަށްފަހު ގައުމީ މުބާރާތުގެ ކުޅުން ފަށާނީ ހޯމަ ދުވަހުގެ ހަވީރެވެ. އެދުވަހު ކުޅޭ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ޕޮލިހާއި ވެމްކޯއެވެ.