އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް، ކްލަބް ވެލެންސިއާ ލީގުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ، ވެލެންސިއާ ތިންވަނައަށް ޖެހިލީ 15 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް ވަނީ 15 މެޗުން 20 ޕޮއިންޓް ލިބިފައެވެ. ހަ ވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ 15 މެޗުން 17 ޕޮއިންޓާ އެކުގައެވެ. ހަތް ވަނައިގައި އޮތް ސަސް އަށް ވަނީ 15 މެޗުން 14 ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް ދަ ގްރާންޑޭއަށް ވަނީ 15 މެޗުން ޕޮއިންޓެއް ލިބިފައެވެ. މިރޭ ވެލެންސިއާ ކުޅުނު މެޗަކީ ލީގުގެ ތިންވަނަ ބުރުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން ގްރީން ސްޓްރީޓްސް ބަލިކުރި އިރު، މާޒިޔާ ލީގުގެ އެއްވަނައިގައި އޮތީ 15 މެޗުން 42 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ކްލަބް އީގަލްސްއަށް ވަނީ 15 މެޗުން 37 ޕޮއިންޓް ލިބިފައެވެ.
މިރޭގެ މެޗުގައި ސަސް އިން ވަނީ މެޗުގެ ނުވަވަނަ މިނެޓްގައި ލީޑު ނަގައިފައެވެ. ކޯނަރަކުން މުހައްމަދު ސާމިރު ނެގި ބޯޅައިގެ ފައިދާ ނަގައި، އެ ގޯލު ޖެހީ އަހުމަދު އައިހަމްއެވެ. އެ ގޯލަށްފަހު ވެލެންސިއާއިން މަޑުމަޑުން މެޗު ތެރެއަށް ވަދެ، ހަމަލާތައް އުފެއްދިއެވެ. އަސްހަދު އަލީ (އަޑޭ) އާއި ހަލީލް ޖަމާލް ޖެހި ބޯޅަ ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މަތަކުރި އިރު، ހާފު ނިމުނީ ސަސް ކުރީގައި އޮވެގެންނެވެ.
މެޗުގެ ނަތީޖާ ވެލެންސިއާއިން އެއްވަރު ކުރީ 50 ވަނަ މިނެޓްގައެވެ. ވެލެންސިއާގެ އިސްމާއިލް އީސާ (މެސީ) ނެގި ކޯނަރެއްގެ އެހީގައި އެ ގޯލު ޖެހީ ހަލީލެވެ. ވެލެންސިއާއަށް ލީޑު ނަގައިދިނީ ބަދަލަކަށް ކުޅެން އެރި އަބްދުﷲ ޔާމީން (ޔާނު) އެވެ. މެޗުގެ 55 ވަނަ މިނެޓްގައި އީސަ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ޔާނު ވަނީ ވެއްޓިގެންފައި ގޯލަށް ވައްދާލައިފައެވެ.
ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު