އިއްޔެ އާއި މިއަދު 11 އަތޮޅެއްގެ 34 ރަށަކަށް އުދަ އަރައި އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިރޭ ބުނެފިއެވެ.
އެންޑީއެމްއޭއިން އާއްމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިހާތަނަށް 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. އެ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން އެ އޮތޯރިޓީން މިހާރު ދަނީ ކުރަމުންނެވެ.
މިވަގުތު ތިން ރަށަކުން ހަ އާއިލާއެއް ތިބީ ކައުންސިލް އިދާރާގައި ވަގުތީ ބޯހިޔާވަހިކަމުގެ ދަށުގައެވެ.
އެމްޑީއެމްއޭއިން ބުނީ، އެމީހުންނަށް ބޭނުންވާ ތަކެއްޗާއި އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތް ސިފައިންނާއި ކައުންސިލްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ލިބުނު ގެއްލުންތައް އިތުރަށް ތަފްސީލްކޮށްދެމުން އެމްޑީއެމްއޭއިން ބުނީ ށ. ބިލެތްފަހިއަށް "ރޯޅި" އެއް އަރައި ތިން ގެއަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީ މަރަދުއަށް އުދަ އަރައި 50 ގެއަކަށް ގެއްލުންވެފައިވާ ކަމަށާއި އެއް އާއިލާއެއް މިވަގުތު ތިބީ ކައުންސިލް އިދާރާގައި ކަމަށެވެ.
މަރަދޫފޫދޭގެ 30 ގެއަކަށް އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުން ވެފައިވާއިރު، ހިތަދުއަށްވެސް އުދަ އަރައި ގެއްލުންވެފައިވާ ކަމަށް ބުންޏެވެ. އަދި މިއަދުވެސް އދ. ފެންފުއްޓަށް އުދަ އަރައި، އެރަށުގެ ބައެއް ގެތަކަށް ލޮނު ވަދެ، ގެއްލުންވެފައިވާ ކަމަށް އެމްޑީއެމްއޭއިން ބުންޏެވެ.
- އދ. ދިއްދޫގެ އަށް ގެއަށް ގެއްލުން ލިބުނު
- ތ. ތިމަރަފުށީ 30 ގެއަށް ގެއްލުން ލިބުނު (އެއް އާއިލާ އަދިވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި)
- ތ. ދިޔަމިގިލީގެ ފަސް ގެއަށް ގެއްލުން ލިބުނު
- ތ. ގާދިއްފުށީގެ 35 ގެއަށް ގެއްލުން ލިބުނު
- ތ. ކިނބިދޫގެ 58 ގެއަށް ގެއްލުން ލިބުނު
- ތ. އޮމަދޫގެ 15 ގެއަށް ގެއްލުން ލިބުނު
- ތ. ގުރައިދުއަށްވެސް ގެއްލުން ލިބުނު
- ތ. މަޑިފުށީގެ 60 ގެއަށް ގެއްލުން ލިބުނު
- ލ. މާވަށާއި މާބައިނދުއަށް ގެއްލުން ލިބުނު
- ގއ. ކޮލަމާފުށްޓާއި މާމެންދުއަށް ގެއްލުން ލިބުނު
- ގދ. މަޑަވެއްޔަށް ގެއްލުން ލިބުނު (ހަތަރު އާއިލާ ކައުންސިލްގެ ބެލުމުގެ ދަށުގައި)
- ގދ. ފަރެސްމާތޮޑާ އާއި ފިޔޮރީއަށް ގެއްލުން ލިބުނު
- ގދ. ރަތަފަންދޫގެ 110 ގެއަށް ގެއްލުން ލިބުނު
- ގދ. ހޯނޑެއްދޫގެ 40 ގެއަށް ގެއްލުން ލިބުނު
- ޅ. ކުރެންދޫ އާއި ނައިފަރަށް ގެއްލުން ލިބުނު
- ފ. ނިލަންދުއަށް ގެއްލުން ލިބުނު
- ރ. މީދޫ، އުނގޫފާރު، މަޑުއްވަރީ، މާކުރަތު، ފައިނު އަދި ހުޅުދުއްފާރަށް ގެއްލުން ލިބުނު
- ދ. ކުޑަހުވަދުއަށް ގެއްލުން ލިބުނު
- އއ. ފެރިދޫ އަދި ތޮއްޑުއަށް ގެއްލުން ލިބުނު
ޚަބަރު
ޚަބަރު
ޚަބަރު