ޚަބަރު

ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ކުރި އަމުރަށް ހައިކޯޓުން ތާއީދުކޮށްފި

އަލީ ޔާމިން

ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

ތޮޅެންދުއަކީ 1992 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ރަށެކެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުން އެރަށުގެ މީހުން ވަނީ 1992 ވަނަ އަހަރު ނ. އަތޮޅުގެ އެކި ރަށްރަށަށް ހިޖުރަކޮށް ވަޒަންވެރިވެފައެވެ.

ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން މިދިޔަ މާޗު މަހު ސިވިލް ކޯޓުން އެންގީ އެރަށް ފިޝަރީޒް މިނިސްޓްރީން 21 އަހަރަށް ބަޔަކަށް ކުއްޔަށް ދޭން އުޅޭތީ އެކަމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ދައުވާ ކުރުމުން އެ މައްސަލަ ނިމެންދެންނެވެ.

އެ އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމަކީ ބީލަމުގެ އުސޫލުން އެހެން ބަޔަކަށް އެތަން ދީފައި ވަނިކޮށް މައްސަލަ ނިމޭގޮތަކުން ގެއްލުން ބޮޑުވެދާނެ ކަމެއް ކަމަށެވެ. އެގޮތަށް ތާއީދުކުރެއްވީ، ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ހުސައިން މަޒީދުއެވެ.

އެ މައްސަލައިގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ ވަގުތީ އަމުރެއް ނެރެވޭނީ އަސްލު މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ވަގުތީ އަމުރަށް އެދޭ ފަރާތަށް އޮތްނަމަ ކަމަށާއި އެ އަމުރަށް އެދުނު ނ. އަތޮޅު ކައުންސިލަށް އެ މައްސަލަ ކާމިޔާބު ކުރެވޭނެކަން ދެއްކިފައިނުވާތީ، ވަގުތީ އަމުރެއް ނެރެގެން ހިމާޔަތް ކުރަންޖެހޭ ހައްގެއް ނެތް ކަމަށެވެ.