މޫސުން ގޯސްވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާއިރު، އެންމެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ރަށްރަށަށް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ. އެގޮތުން އުދައަރައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވާ ދެރަށަކީ ގދ. މަޑަވެއްޔާއި ތ. ތިމަރަފުއްޓަށެވެ. މަޑަވެއްޔަށް އުދަ އަރައި އެތައް ގެއަކަށް ލޮނުވަދެ ގެންލުންވެފައިވާ އިރު، ތިމަރަފުށީގެ ހާލަތު އެއަށްވުރެ ގޯހެވެ.
އެގޮތުން މަޑަވެލީގެ ގެތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އެގެތަކުގައި ދިރިއުޅުމަށް ރައްކާތެރިނުވުމުގެ ސަބަބުން ހަތަރު އާއިލާއަކަށް ވަނީ އެރަށު ކައުންސިލުން ންވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އަދި އެ ރަށުގެ ގިނަ އާއިލާތަކެއް ވަނީ ވަގުތީ ގޮތުން ގެދޮރު ދޫކޮށް، އެހެން ގެތަކަށް ބަދަލުވެފައެވެ.
ތިމަރަފުށީގެ ގެތަކަށް ލޮނުވަދެ، ލިބުނު ގެއްލުމުގެ ސަބަބުން 30 އާއިލާއެއް ވަނީ ވަގުތީގޮތުން އެހެންތަނަކަށް ބަދަލުވެފައެވެ. އަދި ތިން އާއިލާއެއް ކައުންސިލްގެ ބެލުމުގެ ދަށުގައި ތިބި އިރު، ތިމަރަފުށީ ކައުންސިލް ރައީސް އިސްމާއިލް އިބްރާހިމް "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި މިއަދުވެސް އެރަށަށް ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމަށެވެ. އަދި މިހާރު އުދައިގެ އަސަރު ނުކުރާ އެންމެ ގެއެއްވެސް އެރަށުގައި ނެތެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި ގެތަކަށް ލޮނުވަދެ ލިބުނު ގެއްލުން އަދި ސާފު ނުވާ ކަމަށާއި ފުރަތަމަ މަސައްކަތް ކުރަމުންދަނީ މީހުންގެ ފުރާނަ ސަލާމަތްކުރެވޭތޯ ކަމަށެވެ. އަދި މިހާރުވެސް ލޮނުވަން ގެތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު މިހާރުވެސް މިއުޅެނީ އުދަ އަރާތީ އެތަނުގަ. މީހުންނަށް ގޭގެއަށް ވަދެވޭވަރު ކުރުމަށް އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުން. ރައްޔިތުންނާއި ކައުންސިލާއި އަދި ސިފައިންގެ އެހީތެރިކަމާއެކު ގެތައް ސާފު ކުރުމުގެ މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވި ގޮޔުގައި މީގެ ކުރިންވެސް އެރަށަށް އުދައަރާ ކަމަށާއި ނަމަވެސް ދުވަހަކުވެސް މިހާ ބޮޑަށް އުދައަރައި، ގެއްލުންވެފައިނުވާ ކަމަށެވެ.
ތިމަރަފުށި ކައުންސިލް މެމްބަރު މަރިޔަމް އިނާޝާ "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި ކައުންސިލުން ކުނި އަޅަން ކަނޑައަޅާފައި އޮތް ސަރަހައްދަށް އުދަ އެރުމުގެ ސަބަބުން ލޮނުގަނޑާއެކު ހުރިހާ ކުނިތަކެއް ގެތަކަށް ވަންނަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އިތުރު ބަލިމަޑުކަމެއް ރަށުތެރޭގައި ފެތުރިދާނެ ކަމުގެ ބިރު މިހާރު ހީވެފައިވާ ކަމަށެވެ.
"މިރަށުގަ ނީނދެ ކުނި މެނޭޖުކުރާނެ ގޮތެއް. ދެން ކުނިތައް މިއަޅަނީ ދެކުނު ފަރާތު އިންޖީނުގެ ސަރަހައްދުން ކައުންސިލުން ކަނޑައަޅާފައި އޮންނަ ސަރަހައްދަކަށް. އެކަމަކު އެތަނަށް އުދަ އަރައިގެން ލޮނުގަނޑާއެކު ހުރިހާ ކުނިތަކެއް ގޭގެއަށް މިވަންނަނީ. ދެން މިހާރު އެންމެ ބޮދަށް ބިރު ހީވެފައި އޮންނަނީ އިތުރު ބަލިމަޑުކަމެއް ކުނީގެ ސަބަބުން ފެތުރިދާނެތީ،" އޭނާ ވިދާޅުވިއެވެ.
އިނާޝާ ވިދާޅުވި ގޮތުގައި އުދައަރަމުންދާއިރު ބޯކޮށް ވާރޭވެސް ވެހެމުންދާ ކަމަށެވެ. އަދި ލޮނާއެކު ފެންވެސް ބޮޑުވާތީވެ، ޖަންކްޝަންތައް ފުރި ނަޖިސް ބޭރުވަމުންދާ ކަމަށެވެ. އަދި މިކަމަށްވެސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ތިބި އާއިލާތައް އެމީހުންގެ ތިމާގެ މީހުންގެ ގެތަކަށް ބަދަލުކޮށް އެމީހުންގެ އަމިއްލަ ގެދޮރު ސާފުކޮށް ވަދެވޭވަރު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ އެރަށު ރައްޔިތުންނާއި ކައުންސިލްގެ އިތުރުން ސިފައިންގެ އެހީތެރިކަމާއެކު ކުރަމުންނެވެ.
އުދައިގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށަކީ މަޑަވެއްޔެވެ. އެރަށު ކައުންސިލް މެމްބަރު އަޒްހަރު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި އެރަށުގައި ވަރަށް ގިނަ ގެތަކަށް ލޮނުގެ އަސަރު ކުރަމުންދާ ކަމަށާއި މިހާރުވެސް އެރަށަށް އުދަ އަރަމުންދާ ކަމަށެވެ.
އަޒުހަރު ވިދާޅުވި ގޮތުގައި ހަތަރު އާއިލާއެއް އެމީހުންގެ ތިމާގެ މީހުންގެ ގެތަކަށް ބަދަލުކޮށްފައިވާއިރު، މިހާރުވެސް އެހީތެރިކަން ބޭނުންވާ އިތުރު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫސުން ގޯސްވެ އުދަ އަރައި ލިބުނު ގެއްލުމުގެ ސަބަބުން ތިން ރަށަކުން 40 ވަރަކަށް އާއިލާ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ތިމަރަފުއްޓާއި މަޑަވެލީގެ އިތުރުން ގދ. ރަތަފަންދުއަށް ރޭ އުދަ އަރައި 40 ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އޭގެއިތުރުންވެސް ތ. ކިނބިދުއަށް އުދަ އަރައި 90 ޕަސެންޓު ގޭގެއަށް ލޮނުގެ އަސަރުކޮށް، އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، އެ އަތޮޅު މަޑިފުށީގެ ގާތްގަނޑަކަށް 60 ވަރަކަށް ގެއަށް ލޮނުގެ އަސަރުކޮށް، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއޭ އިން ވަނީ ބުނެފައެވެ.
ގަދަ ވައިގެ ސަބަބުން ތ. ވޭމަންޑޫގެ ދެ ގެއެއްގެ ފުރާޅު އެއްލާލައިގެން މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައިވާއިރު، ލ. މާވަށާއި މާބައިދުއަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ. އަދި އދ. ފެންފުއްޓަށް އުދަ އަރައިގެން އެކި ވަރުގެ ގެއްލުން ލިބުނު އިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެރަށުގެ އެއް ގެއަކުން މީހުން ވަނީ ބަދަލުކޮށްފައެވެ. އޭގެ އިތުރުން އދ. ދިއްދުއަށް އުދަ އަރައި ހަ ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ދަތުރުކުރުން ރައްކާތެރި ނޫން ކަމަށްވެސް އެ އިދާރާއިން މިއަދު ވަނީ ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އެހެންވެ މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.