ރިޕޯޓް

ފޮޓޯއެއް ނަގަން ދިޔަގޮތަށް އުމުރަށް ވަކިވެގެންދިޔައީ ހިތްހެޔޮ ރައްޓެއްސެއް!

ރިފާ ހަލީލު

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ދިޔައީ ބޯކޮށް ވާރޭވެހި ފެން ބޮޑުވަމުންނެވެ. ވައި ގަދަވެ، ލޮނުގަނޑު އުފުލުމުގެ ސަބަބުން އުދައިގެ އަސަރު ނުކުރާ ރަށެއް މަދެވެ. އުދައަރައިގެން ގެތަކަށް ލޮނުވަދެ ބޮޑެތި ގެއްލުންތަކެއް ދިޔައީ ވަމުންނެވެ. އެއް ބަޔަކު ފުރާނަ ސަލާމަތްކުރުމަށް ދުވެމުންދިޔައިރު، އަނެއް ބަޔަކު ދިޔައީ މުދަލާއި ގެދޮރު ސަލާމަތް ކުރުމަށް އަވަދިނެތިއެވެ. މުޅި ގައުމު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

އުދައިގެ ބިރުވެރިކަމުގެ ތެރޭގައި އޮއްވައި މުޅި ގައުމު ސިއްސުވާލީ އުދަ އަރަމުންދިޔަ މަންޒަރު ފޮޓޯނަގަން އދ. ފެންފުށީ ތުނޑިއަށް ދިޔަ ހަތަރު ޒުވާނުންގެ ތެރެއިން ދެ ޒުވާނަކު މޫދަށް ދަމައިގަނެ، ގެއްލުނު ހަބަރުންނެވެ. ރަށުން ފައިބައިގެން ދިޔަ ރާޅާއެކު ދެމީހުންވެސް ދަމައިގަތީ މޫދަށެވެ. ވީނުވީއެއް ނޭންގި ދެމީހުންވެސް މޫދަށް ގެއްލުނީއެވެ.

ފެންފުށީ ކައުންސިލް މެމްބަރު ޝީޒާ ވަހީދު "ވަން" އަށް ވިދާޅުވި ގޮތުގައި އެ ހަތަރު މީހުންނަކީވެސް ސަންއައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ހަތަރު މީހުންނެވެ. އަދި އެމީހުން އެރަށަށް އިއްޔެ ދިޔައީ އޮފް ދުވަހުއެވެ. އޭގެ ތެރެއިން ތިން މީހުންނަކީ ފެންފުށި މީހުންނެވެ. އަދި ގެއްލުނު އަނެއް ޒުވާނާއަކީ ތ. ދިޔަމިގިލި މީހެކެވެ.

"މި ހަތަރު މީހުން އެއްކޮށް އިއްޔެ ހަވީރު މިދިޔައީ ތުނޑިއަށް ފޮޓޯ ނަގަން ވެގެން. އެއިރުވެސް ވަރަށް ބޮޑަށް އުދަ އަރާ. އޭގެއިން ދެ މީހަކު ތަނބިކައްޓާ ހިސާބަށް މޫދަށް އެރިގެން ފޮޓޯ ނަގަން ތިބީ. ދެން ތިބި ދެ މީހުން މޫދަށް ނޭރި ތިބީ. އެ މީހުން މޫދުގައި ތިއްބައި އުދައިގެ ރާޅާއި އޮޔާއެކީ އެ މީހުން ދަމައިގަތީ މޫދަށް. އެއްގަމުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު އޭނާގެ މަންމަ އަށް ގުޅާފަ ބުނީ ދެ މީހަކު އޮޔާ ގޮސްގެންނޭ މިއުޅެނީ، ޑިންގީ ފޮނުވާށޭ. އެހާ ހިސާބުން އެނގުނީ،" އޭނާ ވިދާޅުވިއެވެ.

ޝީޒާ ވިދާޅުވި ގޮތުގައި އެހަބަރު ލިބުމާއެކު ވަގުތުން އެސަރަހައްދަށް ޑިންގީއެއް ދިޔައެވެ. އަދި ރައްޔިތުން ނުކުމެ ކުރި މަސައްކަތުން ގެއްލުނު އެކަކު މާ ގިނަ އިރުތަކެއް ނުވަނީސް ވަނީ ފެނިފައެވެ. ނަމަވެސް އޭނާގެ ހާލަ ރަނގަޅު ނުވުމުން އަވަހަށް މަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށި ކަމަށެވެ. އަދި ފަހުން އިތުރު ފަރުވާއަށް މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން އަނެއްކާވެސް މަސައްކަތް ފެށީ ގެއްލުނު ދެވަނަ ޒުވާނާ ހޯދުމަށެވެ. ހުރިހާ އެންމެން ގުޅިގެން އޭނާ ހޯދުމަށް މުޅި ސަރަހައްދު ބަލަން ފެށިއެވެ. ކުރެވުނު މަސައްކަތުން އެޒުވާނާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަތާ ގަޑިއެއްހާއިރު ފަހުންނެވެ. އޭނާ ވަގުތުން މޫދުން ނަގައި ޑިންގީއަށް އެރުވިއެވެ. އޭނާ މޫދުން ނެގި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް އެވަގުތު ޑިންގީގައި ތިބި މީހުން ބުންޏެވެ. އަދި އޭނާ ވަގުތުން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައެވެ. ނަމަވެސް މަރުކަޒަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޝީޒާ ވިދާޅުވިއެވެ.

ފެންފުށީގައި އިއްޔެ ހިނގި އެ ހިތާމަވެރި ހާދިސާގައި މަރުވީ، ސަން އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ތ. ދިޔަމިގިލި، އުމުރުން 23 އަހަރުގެ އީސާ ޖުނާހުއެވެ.

ޖުނާހުގެ ގާތް މީހަކު "ވަން" އަށް މިއަދު ބުނި ގޮތުގައި ޖުނާހު ކިޔަވަން ހުރީ ސްރީލަންކާގައި ކަމަށެވެ. އަދި އޭބާ ރާއްޖެ ބަދަލުވީ މީގެ ދެ ތިން އަހަރު ކުރިންނެވެ. އޭނާ އަކީ ވަރަށް ވެސް މަޑުމައިތިރި މިޒާޖެއްގެ ޒުވާނެކެވެ. އެންމެނާވެސް ގުޅޭ، ހިތަހެޔޮ، ރަނގަޅު އަދި އޯގާތެރި ރަހުމަތްތެރިއެއް ކަމަށް އޭނާ ބުންޏެވެ.

"ފޮޓޯނަގާނެ ވަރަށް ރީއްޗަށް. އެކްސްޕްލޯ ކުރާހިތްވާނެ. އެހެންވެ އިއްޔެވެސް ފޮޓޯ ނަގަން އެދިޔައީ. އެކަމަކު އަދިވެސް ގަބޫލު ކުރަން ދަތި ވަކިވެގެން ދިޔަ ކަމަށް. އެއީ ވަރަށް ބެސްޓު މީހެއް. ރައްޓެހިންނަށް ވަރަށް ބަލާނެ. ވަރަށް ލޯބި މީހެއް. ވަރަށް ދެރަވޭ ވަކިވެގެންދިޔައިމަ." އޭނާ ބުންޏެވެ.

ދިޔަމިގިލީ ކައުންސިލް ރައީސް އަހުމަދު މޫސާ "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައި ޖުނާހަކީ އާންމުކޮށް ރަށުގައި އުޅޭ ޒުވާނަކަށް ނުވުމުން މާ ބޮޑަށް އޭނާގެ މައުލޫމާތެއް ނޭނގޭ ކަމަށެވެ. ނަމަވެސް ރަށަށް އައިސް އުޅޭ ދުވަސްވަރު ބަރާބަރަށް މިސްކިތަށް ދާ ކަމަށާއި ދީނީ ކަންކަމަށް ވަރަށްވެސް ލޯބި ކުރާ ޒުވާނެއްގެ ގޮތުގައި ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.

ޖުނާހު އިއްޔެ ފޮޓޯ ނަގަން ދިޔަ ފެންފުށި ތުނޑިއަކީ އަބަދުވެސް ގަދަ އޮއިގަނޑެއް އޮންނަ ހިސާބެއް ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ވަނީ ބުނެފައެވެ. އަދި އެތަނުގައި އޮންނާނީ އެނބުރޭ އޮއެ ގަނޑެއް ކަމަށްވެސް އެ މީހުން ބުނެއެވެ.

ޖުނާހުގެ އާއިލާގެ މީހުން އދ. މާމިގިލީގައި ތިބުމުން، އެ މީހުންގެ އެދުމުގެ މަތިން ޖުނާހުގެ ހަށިގަނޑު ރޭ ވަނީ މާމިގިއްޔަށް ގެންގޮސްފައެވެ. އަދި ރޭ ދަންވަރު 3:00ގައި ޖަނާޒާ ބާއްވައި އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފައެވެ.