ތ. އަތޮޅުގެ ބައެއް ރަށްތަކަށް އުދަ އަރައި ފެންބޮޑުވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތިމަރަފުއްޓަށް އުދައަރައި ފެންބޮޑުވެފައިވާތީ ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން އެރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އެ އަތޮޅު މަޑިފުއްޓަށް އުދައަރައި ގެއްލުންވަމުންދާތީ އެރަށަށް ބޭނުންވާ ވެލި ބަސްތާތައް ފޯރުކޮށްދިނުމިގައި ތިމަރަފުށީގައިވެސް ހަރަކާތްތެރިވާ ސިފައިން އެރަށަށް ދާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ގިނަ ރަށްތަކަށް އިއްޔެވެސް ވަނީ އުދައަރައި ބޮޑެތި ގެއްލުންވެފައެވެ. އެގޮތުން ހުވަދު އަތޮޅުގެ އެި ރަށްތަކަށާއި އައްޑޫސިޓީގެ ރަށްތަކަށްވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއްވެފައެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމުން ފަސޭހައިން ވެއްޓޭގޮތަށް އުސްތަންތަނުގައި އެއްޗެހި ނުބެހެއްޓުމަށާއި އުދައިގެ އަސަރު ކިރާނެ ގެތަކުގައި ވެލިބަސްތާފަދަ ތަކެތި ޖެހުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.