ދެކުނުގެ ރަށްތަކަށް އިއްޔެ އެރި އުދައިގައި 18 ރަށެއްގެ 200 އަށްވުރެ ގިނަ ގެއަށް ލޮނު ވަދެ ގެއްލުންވެފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އުދަ އެރުމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އައްޑޫ އަށާއި މަޑަވެއްޔަށެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އިއްޔެ "ވަން" އަށް ވިދާޅުވީ، އައްޑޫގެ ހުރިހާ އަވަށްތަކަށް އިއްޔެ ހަވީރު އުދައަރައި، މީހުން ދިރިއުޅޭ ބައެއް ގެތަކަށްވެސް ލޮނުވަދެ ގެއްލުންވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ގެތަކުގެ މީހުން ހާލުގައި ޖެހިފައިވާތީ ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
އުދައެރުމުގެ ސަބަބުން ބޮޑަށް ގެއްލުންވި ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު، އެންމެ ބޮޑަށް ގެއްލުންވި ސަރަހައްދުތަކަށް ކައުންސިލުގެ އެހީގައި ވެލި އަޅައި، ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށަ ނިޒާރު ވިދާޅުވިއެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް ފިޔާޒު ހަސަން "ވަން" އަށް އިއްޔެ ވިދާޅުވީ، އުދައެރުމުގެ ސަބަބުން އެރަށް ވަރަށް ބޮޑަށް ހާލުގައި ޖެހިފައިވާ ކަމަށެވެ. އެގޮތުން 53 ގެއަކަށް ލޮނުވަދެ، އޭގެ ތެރެއިން 8 ގެއެއްގެ މީހުން ހާލުގައި ޖެހިފައިވާތީ އެ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ހާލުގައި. ގޭގައި ގެންގުޅޭ ތަކެތި ހަލާކުވެއްޖެ. ރަށު ރައްޔިތުން މިހާރު މަސައްކަތް ކުރަމުންދަނީ އެ މީހުންގެ ގެދޮރު ދޫކޮށްލާފައި އިންޖީނުގެ ސަލާމަތްކުރަން. ވަރަށް ބޮޑަށް ފެންބޮޑުވެފަ މިއޮތީ،" ފިޔާޒު ވިދާޅުވިއެވެ.
އެންމެ ބޮޑު ގެއްލުންތަކެއްވި ކަމަށް ރިޕޯޓުކޮށްފައިވާ، ގދ މަޑަވެލީގެ ހާލަތު އޮޅުން ފިލުއްވުމަށްޓަކައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އެރަށު ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވައި ރަށުގެ ހާލަތު އޮޅުންފިލުއްވައިފައެވެ.
ރައީސް ވަނީ މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެޔަގީންކަން ދެއްވައިފައެވެ.