އައްޑޫ ސިޓީގައި ޒުވާނަކު މަރާލި މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިމަހުގެ ދެ ވަނަ ދުވަހު މަރާލި ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާގެ މަރާ ގުޅިގެން ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި އެކަމަށް ދަތިކުރަމުންދާ މައްސަލައިގެ ތުހުމަތުގައި 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޒަޔާންގެ މަރާ ގުޅިގެން ފުލުހުން ވަނީ 16 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައެވެ. އެ މަރުގެ މައްސަލައިގައި ދެން ހައްޔަރުގައި ތިބީ 18 އަހަރުގެ ދެ މީހުންނާއި 24 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެކެވެ.

އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާއިރު އަނެއްބައި މީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.