ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަލްހާން ފަހުމީ އާއި އިތުރު ބަޔަކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ލޯނަކަށް 6،396،099/46 މިލިއަން ރުފިޔާ، ތިން މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން އެ ހުކުމް ކޮށްފައިވަނީ އަލްހާން އާއި އޭނާގެ އާއިލާގެ ބައެއް މެމްބަރުން ކަމަށްވާ އަޒްހާން ފަހުމީ، ހާމިދު ފަހުމީ އަދި މުހައްމަދު ފަހުމީގެ މައްޗަށެވެ.
އެ ހަތަރު މީހުންގެ މައްޗަށް ބީއެމްއެލްއިން ސިވިލް ކޯޓުގައި ކުރި ދައުވާގައި ވަނީ، ބީއެމްއެލްއިން އެ މީހުން ނެގި 6،403،600 ރުފިޔާގެ ޑިމާންޑު ލޯނަކަށް ފައިސާ ދައްކަމުން ނުދާ ކަމަށެވެ.
އެހެންކަމުން ލޯނު ނެގުމަށް ރަހުނުކުރި އެ މީހުންގެ ރަޖިސްޓްރީ ވެސް އޮތް ގެ ކަމަށްވާ މ. ފިނިވާގެ ދެ ނަމްބަރު ބައި ގޯއްޗާއި، އެ ގޯތިގައި ހުރި ހުރިހާ އެއްޗެއް ރަހުނުކުރެވިފައިވާ ކަމަށް ކަނޑައަޅައި، އެ ރަހުނަކީ އެ ލޯނާ ގުޅިގެން ބޭންކަށް ލިބެންޖެހޭ ފައިސާ ހަލާސްކުރެވި ލޯނު އެކައުންޓް ބަންދު ކުރެވެންދެން ރަހުނުގެ އެގްރީމެންޓުގެ ދަށުން ބޭންކަށް ލިބިގެންވާ އެންމެހާ ހައްގުތަކާއި ބާރުތަކުގެ ދަށުގައިވާ ތަކެތި ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ބޭންކުން ވަނީ ލޯނު ގަވާއިދުން ދައްކަމުން ނުދާތީ، އެ ލޯނުގެ އިންޓްރެސްޓާއި ޖޫރިމަނާގެ ފައިސާ ހޯދަން ވެސް ދައުވާގައި ހިމަނައިފައެވެ.
އެ މައްސަލައިގެ ޝަރީއަތަށް ދައުވާލިބޭ އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ މައްސަލައިގެ ހުކުމްކުރީ ޣައިރު ހާޒިރުގައެވެ.
އެ ހުކުމުގައި ބުނެފައިވަނީ، ބޭންކުން ނެގި އެ ލޯނަށް ދައުވާ ލިބޭ ފަރާތްތަކުން 6،396،099/46 ރުފިޔާ ނުދައްކާ ކަމަށެވެ. އެހެންކަމުން ތިން މަސް ތެރޭގައި އެ ފައިސާ ބޭންކަށް ދައްކަން އަމުރުކުރާ ކަމަށެވެ. އަދި ލޯނު ނެގުމަށް ރަހުނުކުރި މ. ފިނިވާގެ ދެ ވަނަބައި، ރަހުނުގެ އެއްބަސްވުން އެ ލޯނު ދައްކާ ނިމެންދެން ބޭންކަށް ރަހުނުކުރެވިފައިވާ ކަމަށެވެ.
އަލްހާން އާއި އޭނާގެ އާއިލާ ބައެއް މީހުންގެ މައްޗަށް ބޭންކަށް ފައިސާދައްކަން ހުކުމްކުރި އިރު، ފުލުހުން ވަނީ އަލްހާން އާއި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށްފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަލްހާން އާއި ޝަހުބާން ވަނީ ޕޮންޒީ ސްކީމެއް ހިންގައިގެން ލިބުނު ފައިސާ ލޯންޑާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު