ރައްޔިތުން މަޖިލީހުން މިއަދު ފާސްކުރި ހެއްކާބެހޭ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަން އެއްކޮށް ނެތި ހިނގައިދާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ބުނެފިއެވެ.
ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާއާއެކު ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި ކޮމިޓީން ފާސްކޮށްފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާ ނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާ އިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.
އެގޮތަށް މަޖުބޫރު ކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ އާއި މައުލޫމާތު ދޭ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ގާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަކުރެވޭތޯ ބަލަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ ބިލް ފާސްކުރުމާ ގުޅިގެން އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަސްދަރު ހާމަކުރަން ބަޔާންކޮށްފައިވާ މާއްދާ އެއްކޮށް ބިލުން އުނި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ މަސްދަރު ހާމަކުރުމާ ގުޅޭގޮތުން އެ ކައުންސިލުން ހޯދާފައިވާ ހޯދުންތަކުގެ އަލީގައި އެކުލަވާލެވުނު ދިރާސާ ކަރުދާސްވެސް ޖުޑިޝަރީ ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށެވެ.
"ނަމަވެސް އެ މާއްދާ އެއްކޮށް ބިލުން އުނިކުރުމަށް އެދި މި ކައުންސިލުން ހުށަހެޅި ހު ށަހެޅުން ބަލައިނުގަނެ، ކޮމިޓީގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަލުން އެ މާއްދާއަށް ކޮމިޓީން ގެނައި ބަދަލުތަކާއެކު، މި ކައުންސިލުގެ ކޮމެންޓް ހޯދުމަށް އެދުނު ނަމަވެސް އެކަށީގެންވާ ވަގުތު ދިނުމެއްނެތި ކޮމިޓީން ވަނީ، އެދުވަހުން އެދުވަހަށް ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި. މިއީ މި ކައުންސިލުން ވަރަށް ހިތާމަކުރާކަމެ،" އެމްއެމްސީން ބުންޏެވެ.
ޖުޑިޝަރީ ކޮމިޓީން އެގޮތަށް ފާސްކުރުމުން ކަމާގުޅޭ ޖަމިއްޔާތަކާއި ނޫސްވެރިންނާއެކު ކުރި މަޝްވަރާގައި ފާހަގަވި ކަންކަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް އެމްއެމްސީން ބުންޏެވެ.
"އެގޮތުން މިއީ ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގު ނޫސްވެރިކަން އެއްކޮށް ނެތިގެން ގޮސްދާނެކަމެއް ކަމުގައި ފާހަގަކޮށްފައިވާނެ،" އެމްއެމްސީން ބުންޏެވެ.
އެމްއެމްސީ ބުނީ މަސްދަރު ހާމަކުރުމުގެ މާއްދާ ހިމަނާފައިވާ ގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހުގީގުކުރާ ފަރާތުން ނުވަތަ ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރުކުރެވިދާނެ ކަމަށެވެ.
ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް ކަމަކަށް ނުވާއިރު، އެކަންކަމަށްވެސް ކޮމިޓީން ރިއާޔަތްކޮށްފައިނުވާ ކަމަށް އެމްއެމްސީން ބުންޏެވެ.
ހެއްކާބެހޭ ބިލުގައި ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީ މިއަދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ މެމްބަރުންނާއި ނޫސްވެރިން ވަނީ މަޖިލިސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ. ނޫސްވެރިންނާއި އެމްޖޭއޭގެ މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަ ކުރަން ޖެހޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައިވާ "ގައުމީ ސަލާމަތަށް ނުރައްކާވުން" ފުޅާ ދާއިރާއެއްގައި މާނަކުރުމުގެ ފުރުސަތު އޮތުމެވެ. އެއީ އެއިރަކު އޮންނަ ސަރުކާރަކަށް ނުރައްކާވާ ކޮންމެ ކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތުމެވެ.