ޓޫރިޒަމް މިނިސްޓްރީން ރިސޯޓް ހަދަން ދޫކުރަން ނިންމާފައިވާ ރަށްތަކުގެ ލިސްޓުން ބޭރުންވެސް ބައެއް ރަށްތައް ދޫކުރި ކަމަށާއި ރަށްތަކުގެ އަގާ ގުޅޭ ކަންބޮޑުވުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ހުށަހަޅާފައިވާނެ ކަމަށް ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށްކުރާ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ތިން ވަނަ ހެކިވެރިޔާ ބުނެފިއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޔޫސުފް ނައީމުގެ މައްޗަށް ކުރާ، ރިޝްވަތު ދިންކަމުގެ ކުށުގެ ދައުވާގައި މިއަދު ކުރިއަށް ދިޔައީ، ޓޫރިޒަމް މިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓުގައި ކުރިން މަސައްކަތް ކުރި ފަސީހު ޒާހިރުގެ ހެކިބަސް ނެގުމެވެ. ފަސީހުގެ ހެކިބަސް މިއަދު ނަގާފައި ވަނީ އެ މައްސަލައިގައި މިއަދު ހެކިބަސް ނަގަން ކުރިން ހަމަޖެހިފައި އޮތް ފަރާތަށް ހާޒިރުނުވެވުމުންނެވެ

ވަގުތު ކުޑަތަންވެފައި އޮއްވައި އެހެން ހެކިވެރިއެއް ހާޒިރުކުރުމުން ޔާމީންގެ ދިފާއީ ވަކީލުން ވަނީ ސުވާލުކުރަން ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހެކިބަސް ދެމުން ހެކިވެރިޔާ ވަނީ އާންމު އުސޫލުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށެއް ދޭއިރުގައި ކުރެވިގެންދާ މަސައްކަތްތަކާއި އެކަމާ ގުޅިގެން އޭރު ފާހަގަވެފައިވާ ކަންކަން ކިޔައިދީފައެވެ.

އޭނާ ބުނި ގޮތުގައި ރަށްތައް ދޫކުރަން އޮފާ ލެޓާ ދޭން ނިންމަނީ އެއިރެއްގެ ޓޫރިޒަމް މިނިސްޓަރު ކަމަށާއި އަގުވެސް ކަނޑައަޅަނީ މިނިސްޓަރު އަމިއްލައަށް ކަމަށެވެ. އޭރު ރަށް ދޫކުރާނެ އަގުތައް ކަނޑައެޅުމުގައި ތަފާތުކުރުން ގެންގުޅޭތީ އެކަމުގެ ކަންބޮޑުވުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބަށް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އިންނާނެ ޓޫރިޒަމް މިނިސްޓަރަށް ދެތިން ފަހަރު ދަންނަވާފައި. އަދި އަޅުގަނޑަށް އެނގިގެން ޓޫރިޒަމް މިނިސްޓްރީގެ އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ކޮންސާން މިނިސްޓަރަށް ދަންނަވާފައިވަނީ،" ހެކިވެރިޔާ ބުންޏެވެ.

ހެކިބަސް ދެމުން ހެކިވެރިޔާ ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރި ގޮތް ކިޔައިދީ، ރަށްތަކުގެ އިކުއިޒިޝަން ކޯސްޓުގެ ގިނަ އިރެގިއުލާރިޓީތައް ފެނިފައިވާކަން ފާހަގަކޮށްފައެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ދޫކުރާ ގޮތްވެސް ވަނީ ކިޔައިދީފައެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ނަމަށް ރަށްތައް ބަދަލުކޮށް، ރައީސް އޮފީހަށް އެ ރަށްތަކުގެ ލިސްޓު ފޮނުވައި، ރައީސުލްޖުމްހޫރިއްޔާ ފާސްކުރެއްވުމުން އަލުން އަނބުރާ ޓޫރިޒަމް މިނިސްޓަރާ ހަމައިން އެމްއެމްޕީއާރުސީއަށް އެ ރަށްތައް ދޫކުރާ ކަމަށާއި ރަށްތައް ވިއްކައިގެން ލިބޭ ފައިދާ ލިބެނީ އެމްއެމްޕީއާރުސީއަށް ކަމަށާއި އޭގެ އެއްވެސް މައުލޫމާތެއް ޓޫރިޒަމް މިނިސްޓްރީއަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި، ޓޫރިޒަމް މިނިސްޓްރީން ރަށްތަކުގެ މައްސަލައިގައި ކޯޑިނޭޓް ކުރަނީ ސީދާ ޓޫރިޒަމް މިނިސްޓަރު ކަމަށެވެ. އެއިރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަދީބު ކަމަށާއި އެމްއެމްޕީއާރުސީން ކޯޑިނޭޓް ކުރައްވަނީ އެއިރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަމަށް ބުންޏެވެ..

ހެކިވެރިޔާ ވަނީ، ކުއްޔަށް ދޫކުރަން ލިސްޓުކޮށްފައިވާ ރަށްތަކުގެ އިތުރުންވެސް ލިސްޓުގައި ނުހިމެނޭ ބައެއް ރަށްތައް ދޫކޮށްފައިވާ ކަމަށްވެސް ބުނެފައެވެ..

ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިވެރިޔާއާ ސުވާލުކުރަން ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ ވ. އާރަށާބެހޭ ގޮތުން ސުވާލުތައް ފެންމަތިކޮށްފައެވެ. ނަމަވެސް އެ ހުރިހާ ސުވާލަކަށްވެސް ހެކިވެރިޔާ ދިނީ އެއް ޖަވާބެކެވެ. އެއީ އާރަށް ކުއްޔަށް ދޫކުރި އިރު، އޭނާ ހުރީ ނޯޕޭ ލީވްއެއްގައި ރާއްޖެއިން ބޭރުގައި ކަމާއި އާރަށް މުއާމަލާތާ ގުޅޭ އެއްްވެސް ކަމެއް ނޭނގޭ ކަމަށެވެ.

އާރަށް މައްސަލައިގައި މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ހެކީގެ ހެކިބަސް ވަނީ ނަގައިފައެވެ. އެއީ ފުލުހުންގެ ހިދުމަތުގެ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތް ކުރަމުންދާ އަބްދުﷲ ޝިފާޒުގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ނެގީ މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މޯބައިލް ފޮރެންސިކް ރިޕޯޓާ ގުޅިގެންނެވެ.

އޭގެ ދެ ދުވަސް ފަހުން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް ފޮރެންސިކް އެގްޒެމިނާ އެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިބްރާހިމް ޒުހައިރުގެ ހެކިބަސް ނަގާފައިވެއެވެ. އެއީ މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ ޒިޔަތުގެ ލެޕްޓޮޕާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގައި ދެން އަޑުުއެހުމެއް އޮންނާނީ އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު ހެނދުނު 9:30 ގައެވެ. އެ މައްސަލައިގައި 12 ހެކިންގެ ހެކިބަސް ނަގާއިރު ދެންވެސް އޮންނާނީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.