ރާއްޖޭގައި މިދުވަސްވަރު ހުޅަނގު މޫސުމުގެ ބާރުގަވެފައިވާ އިރު، ރޭ އެކަނިވެސް ކަނޑުމަތީގެ ހަތް ހާދިސާއެއް ހިންގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ހިއްސާކުރި ހާދިސާތަކުގެ ތަފުސީލުތަކަށް ބަލައި އިރު، ރޭ ގިނަ ހާދިސާތައް ހިނގާފައިވަނީ 8 އާއި 9:30 ދޭތެރޭގައެވެ. އޭގެ ތެރެއިން ދެ ހާދިސާއެއްގައި ލޯންޗަކާއި ދޯންޏެއް ބަންޑުން ޖަހާލާފައިވެއެވެ.

އެގޮތުން "ކުރޫޒާ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުން ޖަހާލައިގެން މީހަކު ގެއްލުނު ނަމަވެސް، އެ މީހާ ފަހުން ވަނީ ފެނިފައެވެ. އަދި ކ. ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓުގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުން ޖަހާލައި ހަތަރު މީހަކު ކަނޑުވުމުގެ ހާދިސާއެއްވެސް ރޭ ހިނގިއެވެ. އެ ހާދިސާގައި ކަނޑުވި މީހުން ރޭ 9:26 ހާއިރު އެމްއެންޑީއެފްގެ އެހީގައި ވަނީ މާލެ ގެނެސްފައެވެ.

  • ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވި ދިޔަވި
  • ކ. ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވި
  • އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއް ވާ ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިއަށްދިޔަ
  • އެމްޓީސީސީގެ "މަހާޖައްރާފާ"ގެ ނަގިލި ކަހާލައިގެން ފަރަކާ ކައިރިވި، ނަމަވެސް ފަރަށް އަރާފައެއް ނުވޭ
  • ކ. ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައި އޮންނަ ފިނޮޅަކަށް ބީހުނު

އެމްއެންޑީއެފުން ބުނީ، މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

މި ދުވަސްވަރަކީ ބޮޑު ޗުއްޓީއާއި ދިމާވާ ދުވަސްވަރަކަށްވުމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.