ޚަބަރު

ރާއްޖޭގެ ރިޒާވާއި ދަރަންޏަށްވާ ގޮތް މިދަނީ ބަލަމުން، އެކަން ހަމައެކަނި ވަޒީރަށް ދޫކޮށްނުލާނަން: މަޖިލިސް ރައީސް

އަލީ ޔާމިން

ރާއްޖޭގެ ދަރަންޏާއި ރިޒާވްގެ ކަންކަން ހަމައެކަނި ވަޒީރުގެ އަތްމައްޗަށް ދޫކޮށްލައިގެން ނުހުންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިހު ހުށަހެޅުއްވި ބިލުގެ ބަހުސްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ދައުލަތުގެ މާލިއްޔަތުގެ އެއް ތަޅުދަނޑިއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށާއި އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދައުލަތުގެ މާލިއްޔަތުގައި ހުންނަންޖެހޭވަރު ސާފުވާން ޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ތެލުގެ ރިޒާވުގެ މައުލޫމާތާއި އަވަށްޓެރި ގައުމުތަކުގެ ތެލުގެ ރިޒާވްގެ މައުލޫމާތު އެނގިގެން ނޫނީ މަޖިލީސް ރައީސްކަމުގައި ނުހުންނަވާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ބޭނުންކުރެވެން ހުރި ރިޒާވާއި ދިވެހިރާއްޖޭގެ ގްރޮސް ރިޒާވާއި އަދި ދިވެހިރާއްޖޭގައި ދަރަނި އަދާކުރާނެ ގާބިލުކަން ހުރި މިންވަރާއި ދިވެހީންނަށް ކާޑު ލިބޭނެތޯއާއި ނުލިބޭނެތޯ އެއީ އެއްގޮތަކަށްވެސް ދެކިވަޑައިނުގަންނަވާތި ވަޒީރު ބޭފުޅެއްގެ އަތް މައްޗަށް ނުވަތަ އެހެން ބޭފުޅެއްގެ އަތް މައްޗަށް ދޫކޮށްލައި އަޅުގަނޑު ލޯމަރާލައިގެން ހުންނާނެ ބާވަތުގެ ކަމެއް ކަމަށް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ދަރަންޏާއި ރިޒާވާ ގުޅޭ ގޮތުން ފެންނަ ހިޔާލު އަބަދުވެސް ހިއްސާކުރަމުން ގެންދަވާނެ ކަމަށާއި އެކަމާ ބައެއް އަރިސް ބޭފުޅުންގެ އިތުރުން ސަރުކާރުގެ ފަރާތްތައް ނުރުހުނަސް އެ ހިޔާލުތައް ފާޅުކުރަމުން ގެންދަވާނެ ކަމަށެވެ.

އަންނަ މަސް ނިމެންވާއިރަށް ރާއްޖޭގެ ރިޒާވްގައި ތެޔޮ ގަންނާނެ ފައިސާ ނުހުންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު އިއްޔެގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކުރިއަށް އޮތް ފަސް މަހުގެ އަސާސީ ހިދުމަތްތަަކަށް ބޭނުންކުރެވޭ ވަރަށް ރިޒާވްގައި ފައިސާ އެބަހުރި ކަމަށް ވިދާޅުވެފައެވެ.