ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުން ކްލަބް ވެމްކޯއިން ފަސް ސެޓު ކުޅެގެން ޕޮލިސް ކްލަބް އަތުން މޮޅުވުމާއެކު، ބާކީ މެޗެއް އޮއްވައި، ސްޕޯޓްސް ކްލަބް ސިޓީއަށް ލީގު ޔަގީންވެއްޖެއެވެ.
އިއްޔެ ހަވީރު ސިފައިން އަތުން ސީދާ ތިން ސެޓުން ސިޓީ މޮޅުވެފައިވާ އިރު، ސިޓީއަށް ޗެމްޕިއަންކަން ނުލިބުމުގެ ފުރުސަތެއް އޮތީ، ވެމްކޯއިން ސެޓެއް ނުގެއްލި ބާކީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ވެމްކޯއަށް ރޭ ޕޮލިސް ބަލިކުރެވުނީ ފަސް ސެޓު ކުޅެގެން ކަމަށްވާތީ، ކުޅި ބަލަން އޮތް ސިޓީއަށް ވަނީ ލީގު ޔަގީންވެފައެވެ. އެއީ ސިފައިންނަށްފަހު ދެ މެޗުން މޮޅުވެގެން ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ދެ ޓީމު ބައްދަލުކުރި މެޗުން ސިޓީ މޮޅުވެފައިވާތީއެވެ.
ވޮލީގެ ތެރެއަށް 2009 ވަނަ އަހަރު ތައާރަފުވި ސިޓީން މިއަހަރުގެ އެސޯސިއޭޝަން ކަޕުވެސް ކާމިޔާބު ކޮށްފައިވާއިރު، މިއީ ލީގާއި އެސޯސިއޭޝަން ކަޕުވެސް އެ ކްލަބަށް ލިބުނު ފުރަތަމަ ފަހަރެވެ.
ސިޓީން އިއްޔެ ހަވީރު ކުޅުނު މެޗުގައި އެ ޓީމުން ސެޓުތައް ގެންދިޔައީ 25-21، 25-18 އަދި 25-20 އިންނެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ގެންދިޔައީ ވެމްކޯއިންނެވެ. އަޝްވަލް ރާއީގެ ބްލޮކުތަކާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)ގެ ނުރައްކާތެރި ހަމަލާތައްވެސް ފާހަގަކޮށްލެވުނުއިރު، ފުރަތަމަ ދެ ސެޓު ވެމްކޯއިން ގެންދިޔައީ 25-19 އަދި 17-25 އިންނެވެ.
ނަމަވެސް ޕޮލިހުގެ ފަރާތުން އެސޯސިއޭޝަން ކަޕުގައިވެސް ފެނުނު ފަހަތުން އަރާ ހިތްވަރު ކުރުމުގެ ރޫހު ރޭގެ މެޗުގައިވެސް ފެނިގެން ދިޔައެވެ. ސެޓަރު މުއްތުސާމީ އަޕަވޫގެ ލީޑާޝިޕާއެކު އަނޫ ޖޭމްސްއާއި އަކިން އައްމާލް އަދި މާއިޝް އަހުމަދުގެ ކުޅުންވެސް ދެން ޖެހިގެން އައި ދެ ސެޓުގައި ފާހަގަވެގެން ދިޔައިރު، އެ ދެ ސެޓު ޕޮލިހުން ގެންދިޔައީ 25-23 އަދި 25-20 އިންނެވެ. ފަސް ވަނަ ސެޓު ވެމްކޯއިން ގެންދިޔައީ 15-12 އިންނެވެ.
ގައުމީ ލީގު ނިމުމަށްފަހު މި އަހަރުގެ ގައުމީ މުބާރާތުގެ ކުޅުން ފަށާނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ހަވީރެވެ. ގައުމީ މުބާރާތަށް ކޮލިފައިވާނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ.
ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ކުޅުނު ހަތަރު މެޗުން ސެޓެއްވެސް ނުގެއްލި 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ސިފައިން ދެ ވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ވެމްކޯ ތިން ވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ހަތަރެއްގައި އޮތް ޕޮލިހަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. ގުޑީސް ސްޕޯޓްސް ކްލަބާއި އޮއްފު އެފްސީއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ގުޑީސް ދެ މެޗު ކުޅުނުއިރު، އޮއްފު ވަނީ ތިން މެޗު ކުޅެފައެވެ.
ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ސިފައިން ކުޅޭނީ ގުޑީސް ސްޕޯޓްސް ކްލަބާއެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ޕޮލިހުން ނުކުންނާނީ އޮއްފުއާ ދެކޮޅަށެވެ.