އެފްއޭއެމް

ޔޫތު ޗެމްޕިއަންޝިޕް: އީގަލްސް ބަލިކޮށް ޔޫވީ ފައިނަލަށް

އެފްއޭއެމްގެ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ހޯދައިފިއެވެ.

ޔޫވީން ފައިނަލުގެ ޖާގަ ހޯދީ މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގައި 4-0 އިން ކްލަބް އީގަލްސް ބަލިކޮށްގެންނެވެ.

ގްރޫޕް ސްޓޭޖު ނިމުނުތާ ދެ ހަފުތާއެއްހާ ދުވަސް ފަހުން ސެމީ ފައިނަލް މެޗުތައް ކުޅޭއިރު، އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ ކުޅެން ޖެހޭނީ ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މިއަދުގެ މެޗު ޔޫވީން ވަރުގަދަ ފޯމެއްގައި ފެށި އިރު، ފުރަތަމަ 13 މިނެޓް ތެރޭގައި ތިން ގޯލުވެސް ޖެހިއެވެ. ޔޫވީގެ ފުރަތަމަ ގޯލު އަހުމަދު އަލްތަފް އަޒީމް ޖެހި އިރު، ދެވަނަ ގޯލަކީ މުހައްމަދު އަރުޝަދު ސަލީމް ޖެހި ގޯލެކެވެ. ޔޫވީގެ ތިންވަނަ ގޯލަކީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުމަދު އަޒުލާން އަލީ ހުސްކޮށް ކުރިއަށް ޖެހި، ގޯލަށް ބޯޅަ ވައްދާލައިގެން ޖެހި ގޯލެކެވެ.

މެޗުގައި ޔުނައިޓެޑް ވިކްޓަރީން ފަހު ގޯލު ޖެހީ ފަހުކޮޅުގައެވެ. އެ ގޯލުވެސް ޖެހީ ލ. މާވަށަށް ނިސްބަތްވާ އަޒުލާނެވެ.

ޔޫތު ޗެމްޕިއަންޝިޕް މިފަހަރު ކުރިއަށްވުރެ އަވަހަށް ބާއްވާފައިވާ އިރު، ބެލެވޭ ގޮތުގައި މުބާރާތް އަވަސް ކުރީ އޭޝިއަން ކަޕް ކޮލިފައިންއަށް މި މުބާރާތުން ސްކޮޑެއް އެކުލަވާލަން ތައްޔާރުވާތީއެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާ އިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެއް ގްރޫޕެއްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.