ވޮލީ ބޯލް

ވޮލީ ލީގު: ސިޓީން ގަދަ ހަތަރެއް ޔަގީން ކޮށްފި

ގައުމީ ވޮލީ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މޮޅުވެ، ސިޓީން ގަދަ ހަތަރެއް ޔަގީން ކުރި އިރު، ރޭގެ މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބު ބަލިކޮށް، ޕޮލިސް ކްލަބުން އެޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަން ހޯދި ސްޕޯޓްސް ކްލަބު ސިޓީން ވަނީ ގައުމީ ވޮލީ ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުން ގުޑީސް ސްޕޯޓްސް ކްލަބާއި ޕޮލިސް ކްލަބް ބަލިކޮށްފައެވެ. އިއްޔެ ހަވީރު އޮއްފު އެފްސީ އަތުން ސިޓީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސިޓީން ލީގުގެ ގަދަ ހަތަރެއް ޔަގީންކުރުމާ އެކު އެ ޓީމަށް ވަނީ ގައުމީ މުބާރާތުން ފުރުސަތު ލިބިފައެވެ.

މިހާތަނަށް ގައުމީ ވޮލީ ސީޒަނުގައި ވަރުގަދަކޮށް ފެންނަ ސިޓީން އިއްޔެގެ މެޗުވެސް ކާމިޔާބުކުރީ ފަސޭހަކަމާ އެކުގައެވެ. މޮޅަށް ކުޅުނު ސިޓީން ސެޓަރު ވިނާޔަކް ރޮކާޑޭގެ ރަނގަޅު ބޯޅަތައް ފެނުނު އިރު، އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާގެ ސްޕައިކަރު، ވިނީތު ކުމާރްގެ ބާރު ޖެހުންތައް ފެނިގެންދިޔައެވެ.

ގައުމީ ލީގުގައި ކުޅޭ ހަ ޓީމުގެ ތެރެއިން ގައުމީ މުބާރާތަށް ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ.

ގައުމީ ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް އޮތީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ކްލަބް ވެމްކޯއަށް ވަނީ ދެމެޗުން ތިން ޕޮއިންޓް ލިބިފައެވެ. ހަތަރެއްގައި އޮތް ޕޮލިސް ކްލަބަށް ވެސް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ފަަސް ވަނައިގައި އޮތް ގުޑީސް ސްޕޯޓްސް ކްލަބާއި ހަ ވަނައިގައި އޮތް އޮއްފު އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ގުޑީސް ދެ މެޗު ކުޅުނުއިރު، އޮއްފު ވަނީ ތިން މެޗު ކުޅެފައެވެ.

މުބާރާތުގައި ރޭ ވެމްކޯ އާއި ޕޮލިސް ކުޅެން އޮތް މެޗު ފަސްކޮށް، ޝެޑިއުލަށް ވަނީ ބަދަލު ގެނެސްފައެވެ. އެ މެޗު ކުޅޭނީ މިރޭއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ގުޑީސްއެވެ.