ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެފައިވާ މި ދަނޑިވަޅުގައި އަލުން ލޮކްޑައުންއަކަށް ދާން ގަސްދު ނުކުރާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޖާބިރު ވަނީ ކޮވިޑުގެ ހާލަތު މިހާ ގޯސްވަމުންދާ ދަނޑިވަޅެއްގައި ރާއްޖެ އަލުން ލޮކްޑައުންއަކަށް ގޮސްދާނެތޯ ސުވާލު ކުރައްވައިފައެވެ.
މި ސުވާލަަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އަލުން ލޮކްޑައުނަކަށް ދާން ގަސްދުނުކުރާ ކަމަށެވެ. އެއީ ބޭނުންވާ ކަމެއްވެސް ނޫން ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅަށް ހިނގަން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ލޮކްޑައުން ހަދާކަށް ގަސްދެއް ނުކުރަން. އެއީ އަޅުގަނޑުމެން ބޭނުންވާ ކަމެއްވެސް ނޫން. ރާއްޖޭގެ އިގުތިސާދާއި އެހެނިހެން ކަންކަން ބަރާބަރަށް ހިނގަންޖެހޭނެ. ކޮރޯނާ ވައިރަސްއާއެކު އަޅުގަނޑުމެން އުޅެން ދަސްކުރަން ޖެހޭނެ." އޭނާ ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ ބަންދުވެފައި ހުންނަ ތަންތަނުގައި އުޅޭއިރު ތަންކޮޅެއް ބޮޑަށް ވިސްނާލަން ޖެހޭ ކަމަށާއި ނުދަންނަ ބަޔަކާ އެކީ އުޅޭނަމަ މާސްކު އެޅުން މުހިންމު ކަމަށެވެ. އަދި މަޖިލިސް މެންބަރުން މިކަމުގައި އާންމު ރައްޔިތުންނަށް މިސާލު ދެއްކުމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ކޮވިޑާއި ގުޅިގެން އަމަލު ކުރަމުން އަންނަ ގޮތުގެ ތަފުސީލީ މައުލޫމާތު ހެލްތު މިނިސްޓްރީން ލިބޭނެ ކަމަށާއި މަޖިލީސް މެންބަރުން ބޭނުންފުޅުވާނަމަ ހެލްތުގެ ޓީމެއް މަޖިލީހަށް ފޮނުވައިގެން މެންބަރުން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި ކޮވިޑުން އަރައިގަތުމަށް ހެލްތު މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތަފުސީލުވެސް މެންބަރުންނާ ހިއްސާކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު މިހާރު އަނެއްކާވެސް ގޯސްވެފައިވާއިރު އެންމެ ފަހުން އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބު ދައްކާގޮތުން ދުވާލެއްގެ މައްޗަށް 200 އެއްހާ މީހުން ޕޮޒިޓިވް ވެއެވެ. އަދި މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ނިޔަލަށް 1202 މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 305 މީހަކު ވަނީ މަރުވެފައެވެ.