އިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލްގެ ޖާޒީ ސައުދީއަށް ހާއްސަ، ކަންބޮޑުވުންތަކެއް!

މުޙައްމަދު ޝަމްޢޫން

ނިއުކާސަލް އިން އަންނަ ސީޒަނަށް ތައްޔާރުކޮށް ރިލީސް ކޮށްފައިވާ ތިންވަނަ ކިޓް، ސައުދީ އަރަބިއާގެ ޖާޒީއާ އެއްގޮތްކޮށްފައިވާތީ އެކަމަށް ފާޑު ކިޔުންތައް އަމާޒު ވެއްޖެއެވެ.

ނިއުކާސަލްގެ ތިންވަނަ ކިޓަށް ފާޑު ކިޔުންތައް އަމާޒުކޮށްފައި ވަނީ، ސައުދީގެ އިންވެސްޓްމަންޓުން ނިއުކާސަލް ގަތް ނަމަވެސް، އެގައުމުގެ ސަރުކާރާ އެ ޑީލާ ގުޅުމެއް ނެތް ކަމަށް ކުރިން ހުރިހާ ފަރާތްތަކުންވެސް ބުނެފައިވާތީއެވެ. ސައުދީ ޕަބްލިކް އިންވެސްޓްމަންޓުން އިސްވެ އެކުލަވައިލި ކޮންސޯޓިއަމްއަކުން ނިއުކާސަލް މިދިޔަ އަހަރު އޮކްޓޯބަރު މަހު ގަތް ނަމަވެސް، ޕްރިމިއާ ލީގާއި އިނގިރޭސި ސަރުކާރުން އެ ޑީލަށް އާނބަސްބުނީ ސައުދީ ސަރުކާރާ އެ ޑީލް ނުގުޅޭނެ ކަމަށް ޔަގީން ކޮށްފައެވެ.

އެ ޑީލަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލްއިންވެސް ފާޑު ކިޔާފައިވާ އިރު، އަލަށް ތައާރަފު ކުރި ޖާޒީއަށްވެސް އެ ޖަމިއްޔާގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ.

ނިއުކާސަލްގެ ތިންވަނަ ކިޓް މިދިޔަ މަހު ތެރޭގައި ލީކު ކޮށްލާފައިވާ އިރު، އެ ކިޓުގެ ޑިޒައިނަށް އޭރުވެސް ފާޑު ކިޔައިފައިވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފައި ވަނީ ސައުދީ ގައުމީ ޓީމުގެ ޖާޒީއާ ވައްތަރު ޖާޒީއެއް ނިއުކާސަލްއިން އިއުލާން ކުރި ކުރުމުން ދޭހަ ވަނީ ސައުދީން އެގައުމުގައި ހިންގާ "ލާ އިންސާނީ ކަންކަން" ފޮރުވަން ކުޅިވަރު ބޭނުންކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

"ނިއުކާސަލްއިން ސައުދީ ޖާޒީއާ އެއްކުލައިގެ ޖާޒީ ހެދުމުން އެކަމުން ދޭހަވަނީ ކުޅިވަރު ބޭނުންކޮށް، ސައުދީން އެގައުމުގައި ހިނގާ ގޯސް ކަންކަން ފޮރުވަން މަސައްކަތް ކުރާ މިންވަރު. ސައުދީން ނިއުކާސަލް ގަންނަންވެގެން އެ ޑީލްގައި ސައުދީ ނުހިމެނޭނެ ކަމަށް ބުނި ނަމަވެސް، ފެންނަ ފެނުމުގައި ސައުދީގެ އިމޭޖް ރީތިކުރަން ނިއުކާސަލް ބޭނުންކުރަމުން ދޭ،" އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފައިވެއެވެ.

ނިއުކާސަލްގެ ޖާޒީއަށް އަމާޒުވި ފާޑު ކިޔުންތަކަށް ކޯޗު އެޑީ ހޯވް ބުނީ ފާޑު ކިޔުންތައް އަމާޒުވާކަން އެނގޭ ކަމަށާއި، އަމިއްލަ ކޮންޓްރޯލުގައި ނެތް ކަންކަމަށް ސަމާލުކަން ދޭން ބޭނުން ނުވާ ކަމަށެވެ. ނިއުކާސަލްއިން ސީޒަން ބްރޭކެއްގައި ސައުދީއަށްވެސް މިދިޔަ ސީޒަނުގެ ތެރެއިން ގޮސްފައިވާ އިރު، ހޯވް ބުނީ ސައުދީއަށް ޓީމު ދިޔަ ދަތުރުގައިވެސް އެގައުމާ ޓީމާ އޮތް ގުޅުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ކިޓް އުފެއްދުމުގައިވެސް އެ ގުޅުންތައް ފެންނަ ކަމަށެވެ.

ނިއުކާސަލްގެ 80 ޕަސެންޓް ހިއްސާ ގަނެފައި ވަނީ ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑުންނެވެ. އެ ފަންޑުގެ ޗެއާމަނަކީ ސައުދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނެވެ.