ޚަބަރު

ޕީޕީއެމުން ކޯޓަށް ހާޒިރުނުވުމުން އިންޑިއާ އައުޓް މައްސަލަ ބޭރުކޮށްލައިފި

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން އެ ކޯލިޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގައި ރައީސް ގަރާރެއް ނެރުއްވީ އެޕްރީލް މަހުއެވެ. އެ ގަރާރު ބާތިލުކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސިވިލް ކޯޓަށް ހުށެހެޅީ އެޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.

އިދިކޮޅުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް އެ ގަރާރުން ހުރަސް އެޅޭ ކަމަށް ބުނެއެވެ.

އެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލީ އެ މައްސަލައިގެ ޝަރީއަތަށް ޕީޕީއެމްގެ ވަކީލުން ހާޒިރު ނުވުމުންނެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން، ޕީޕީއެމްގެ ވަކީލުންނަށް ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވުމުން، ކޯޓަށް ހާޒިރު ނުވުމުގެ އިތުރުން ކޯޓަށް ހާޒިރުނުވި ސަބަބެއް ވެސް އަންގާފައެއް ނުވެއެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނީ، މަގްބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމަކީ ދައުވާ ބޭރުކޮށްލެވޭ ސަބަބެއް ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމައިދިނުމަށް އެދި ރައީސް ސޯލިހު ނެރުއްވި ގަރާރުގެ ދަށުން ފުލުހުން ވަނީ މާލޭގެ ގެތަކުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ބެނާތައް ނަގައިފައެވެ. އޭގެ ތެރޭގައި ޔާމީންގެ ގެކޮޅުވެސް ހިމެނެއެވެ. ޔާމީންގެ ގެކޮޅުގައި ހުރި ބެނާ ފުލުހުން ނަގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން އެ ގަރާރުގެ ދަށުން ފުލުހުން ވަނީ ބައެއް ފަރާތްތައްވެސް މީގެ ކުރިން ހައްޔަރުކޮށްފައެވެ.