ޚަބަރު

މަނަދޫ ބަނދަރުގެ 41 ޕަސަންޓް މަސައްކަތް ނިމިއްޖެ

މުހައްމަދު އިޝާން

ނ. މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 41 ޕަސަންޓް ނިމިއްޖެއެވެ.

އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށިލުމުގެ މަޝްރޫއުގެ ދަށުން، އާ ނެރަށް ވަދެވެން އޮންނަ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 29,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 195 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ކޮންކްރީޓް ބްރިޖެއް އެޅުމާއި ރޭމްޕެއް ހެދުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

ޕްލޭނިން މިނިސްޓްރީން މަނަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.

އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 32.1 މިލިއަން ރުފިޔާއަށް 300 ދުވަހުން ނިންމާ ގޮތަށެވެ.