ބަރަހަނާ ވީޑިއޯތައް ލީކްކުރުމުގައި ފުލުހުންގެ ދައުރެއް އޮތްކަން ބަލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެސިސްޓެންޓް ކޮމިޝަރު މުހައްމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތެރޭގައި ބްލެކްމެއިލް ރިންގެއް ހިންގާ ކަމަށާއި އެ ރިންގުން 43 މީހެއްގެ ފޮޓޯ އާއި ވީޑިއޯ ނަގައި ބްލެކްމެއިލް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތުހުމަތުކުރައްވައިފައެވެ.
މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދުގެ ތުހުމަތުތަކަށް ރައްދުދެއްވައި، އޭސީޕީ ރިޔާޒް ވިދާޅުވީ، ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް އާއްމު ކުރުމުގައި ފުލުހުންގެ ދައުރެއް އޮތް ކަމަށް ބަލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި އެފަދަ ތުހުމަތެއް ނަޝީދު ފުލުހުންނަށް ކުރައްވާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އެ ފަދަ ތުހުމަތެއް ފުލުހުންނަށް ކުރެވޭނެމަ ކަމާގުޅުން ހުރި އިދާރާތަކަށް މައްސަލަ ހުށައަޅައިގެން ކުރިއަށް ވަޑައިގަންނަވަންވީ. އޭރުން އެ މައްސަލަ ބަލައި ތުހުމަތުތައް ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނެ" ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ، ބަހަނަރާ ފޮޓޯއާ ވީޑިއޯ ފުލުހުން ލީކުކުރާ ކަމަށް ބުނެ މިހާތަނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ލީކުވެގެން އުޅޭ ވީޑިއޯތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއަކާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ ފޮޓޯއެއްގެ އިތުރުން ބައެއް އެހެން ފަރާތްތަކުގެ ފޮޓޯއާ ވީޑިއޯ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު