ޚަބަރު

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަ ބަލައި މަރުހަލާގެ މުއްދަތުތައް އިތުރުކުރަން ހުށަހެޅި ބިލު ކޮމިޓީއަށް

އިބްރާހިމް ޒަކީ

ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލަތައް ބަލައި މަރުހަލާތަކުގެ މުއްދަތުތައް އިތުރުކުރަން ޖުޑީޝަލް ސާވިސްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ބަލައިގަނެ ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ބަލައިގަތީ ޖަލްސާގައި ތިއްބެވި 39 މެންބަރުންގެ ތެެރެއިން 34 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ބިލުގައި ބުނެފައިވަނީ، ސަރުކާރުން މި ބިލު ހުށަހެޅީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން ބެލުމަށް ނިންމާ މައްސަލަތަކުގައި އަމަލުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ބައެއް އިޖުރާއަތުތަކަށް ބަދަލު ގެނައުމަށް ކަމަށެވެ.

އެކަމަށްޓަކައި ގާނޫނަށް ފަސް އިސްލާހެއް ހުށަހަޅާފައިވެއެވެ. އެއީ އެ ގާނޫނުގެ 22 ވަނަ މާއްދާ އާއި 25 ވަނަ މާއްދާ އާއި 30 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއަށެވެ.

އެ ގާނޫނުގެ 22 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ، ޖޭއެސްސީއަށް ހުށަހެޅޭ މައްސަލައެއް ބެލުމާމެދު ގޮތް ނިންމައި ކޮމިޓީން ނިންމާ ނިންމުން އެ މައްސަލައެއް ހުށަހެޅޭ ތާރީހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ނިންމައި، ކޮމިޝަނަށް ފޮނުވަންވާނެ ކަމަށެވެ. އެ މުއްދަތު 14 ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހުށަހަޅައިފައެވެ.

ގާނޫނުގެ 25 ވަނަ މާއްދާގެ (ވ) ގައި ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ރިޕޯޓު ކޮމިޝަނަށް ލިބޭތާ ފަސް ދުވަހުގެ ތެރޭގައި އެ ރިޕޯޓާ ގުޅޭ ގޮތުން ހުށަހަޅަން ބޭނުންވާ ކަންތައްތަކާއި އެ މައްސަލަ ނިންމުމުގައި ކޮމިޓީން ރިއާޔަތް ކޮށްދިނުން އެދޭ ކަންކަން ބަޔާންކޮށް ތަހުގީގު ކޮމިޓީއަށް ލިއުމުން ހުށަހެޅުމުގެ އިހުތިޔާރު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

އެ މުއްދަތު ހަތް ދުވަހަށް ބަދަލު ކުރުމަށާއި އަދި ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ގުޅިގެން މުޅި މައްސަލައާމެދު ވާހަކަދެއްކުމަށް ފަސް ދުވަހުގެ ތެރޭގައި އަޑުއެހުމެއް ބާއްވާނެ ކަމަށް އެ މާއްދާގެ (މ) ގައި ބުނެފައި އޮތް މުއްދަތުވެސް ހަތް ދުވަހަށް އިތުރުކުރަން ވަނީ ހުށަހަޅައިފައެވެ.

ކޮމިޓީގެ ތަހުގީގީ ރިޕޯޓަށް ޖަވާބުދޭން ދީފައިވާ ހަތް ދުވަހުގެ މުއްދަތުގައި މައްސަލަ ރައްދުވާ ފަނޑިޔާރުގެ ބާރުގެ ދަށުގައިވާ ކަމަކާ ނުލައި ޖަވާބު ނުދެވިއްޖެ ނަމަ އިތުރު މުހުލަތަކަށް އެދި ޖޭއެސްސީއަށް ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭ ގޮތަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ މެދު އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ އެ ގާނޫނުގެ 32 ވަނަ މާއްދާގައި ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އަންގަން ޖެހޭނެ ކަމަށް އޮތް ބައި، ތަހުގީގުކުރި މައްސަލައިގެ ބާވަތަށް ބަލައި އިތުރު ތަމްރީނު ބޭނުންވާ ކަމަށް ކޮމިޝަނަށް ފެންނަ ހާލަތްތަކުގައި ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަ ކުރަން އަންގަން ޖެހޭނެ ކަމަށް ހިމެނުމަށްވެސް އިސްލާހުގައިވެއެވެ.