ޚަބަރު

ރައީސް ނަޝީދު ޔޯގާއަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި މައްސަލަ ފުލުހަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޔޯގާއަށް ތާއިދުކުރެއްވި މައްސަލަ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަ ނެގުމުގެ ހަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ، ޔޯގާ އާއި ކަސްރަތު ކުރުމަކީ އިސްލާމް ދީނާ ހިލާފުކަމެއް ކަމަށް ކަނޑައަޅައި، ދިވެހިންގެ އާންމު ދިރިއުޅުމަށް ބުރޫއަރާގޮތަށް ކަންކަން ކުރަން ފެށުމަކީ ގައުމު ހާލަކުގެ މިސްރާބަށް ދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެފަދަ ބައެއް ކަންކަމުގެ ސަބަބުން ގައުމުތައް ބާކީވެ، އެކަހެރެވި، ސަލާމަތުގެ އައްސޭރިން ނެއްޓި ހަލާކުގެ އައްސޭރިއަކަށް ދިޔަ މަންޒަރު ފެނިފައިވާ ކަމަށާއި ރާއްޖެ ހަލާކުގެ އައްސޭރިއަށް ދިއުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅަކީ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާއި ގާނޫނުއަސާސީ އާއި އެނޫން ވެސް ދީނީ މަސްލަހަތުތަކާ ފުށުއަރާ ކަމެއް ކަމަށް ބުނެ ރައްޔިތުންގެ އިއްތިހާދުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ ރައީސް ނަޝީދުގެ މައްސަލަ ތަހުގީގުކޮށް، އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދިފައެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގައި ހިންގި ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގުކުރަމުންދާ އިރު، ޔޯގާ ކުރުމަކީ އިސްލާމީ ޝަރީއަތާ ހިލާފުކަމެއް ކަމަށް ބުނެ ޔޯގާ ހަރަކާތް ހުއްޓުވައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން މިމަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.