ދުނިޔެ

އަދުގެ ދުނިޔެ: ދުނިޔޭގެ އިގްތިސާދަށް މިހާރު ބޭނުންވަނީ ޑޮލަރު ނޫން ހައްލެއް!

އިމާދު ލަތީފު

ޑޮލަރުގެ ބަދަލުގައި މުޅިދުނިޔޭގައި ބޭނުންކުރެވޭނެ އައު ރިޒާރވް ފައިސާއެއް ތައާރަފު ކުރުމުގެ މަސައްކަތް ޗައިނާއާ ގުޅިގެން ރަޝިޔާއިން މިހާރުވަނީ ފަށައިފައެވެ. މިކަމުގައި މި ދެގައުމު ބަރޯސާކުރަނީ "ބްރިކްސް" ގެ ގައުމުތަކަށެވެ. ބްރިކްސްްްއަކީ ރަޝިޔާއާއި ޗައިނާގެ އިތުރަށް ބްރެޒިލް، އިންޑިޔާ އަދި ދެކުނު އެފްރިކާގެ މައްޗަށް އެކުލެވިގެންވާ މާލީ ޖަމާއަތެކެވެ. ބްރިކްސްއޭ ކިޔަނީ މިއިން ކޮންމެ ގައުމެއްގެ ނަމުގެ ފެށޭ އަކުރު ބޭނުންކޮށްގެންނެވެ. މިކަމުގައި އިސް ދައުރެއް އަދާކުރައްވަނީ ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިންއެވެ. އޭނާ އުއްމީދަކީ ދުނިޔޭގެ ރިޒާރވް ފައިސާގެ ގޮތުގައި އެމެރިކާގެ ޑޮލަރަށް މިހާރު ލިބިފައި އޮންނަ މަގާމަށް ގުޑުން އަރުވައިލުމެވެ. އައު ރިޒާރވް ފައިސާއަކަށް ވާނީ މި ފަސް ގައުމުގެ ފައިސާގެ މައްޗަށް އެކުލެވޭ ޓުކުރިއެކެވެ.

ބައިނަލްއަގުވާމީ ރިޒާވް ފައިސާއެއްގެ ދަރަޖަ އެމެރިކާގެ ޑޮލަރަށް ލިބިފައި އޮންނަތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް ފަހަކަށްއައިސް ޗައިނާގެ ޔުއާނާއި ދެކުނު ކޮރެޔާގެ ވޮންއާއި ސުވިޑަންގެ ކްރޯނަރ ފަދަ ކޮންވެންޝަނަލް ނޫން ފައިސާތައް ރައްކާކޮށް މިދާއިރާ ސިންދަފާތު ކުރުމުގެ އޮއިވަރެއްވެސް ވަރަށް ގިނަ ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ މެދުގައި ވަނީ ފެށިފައެވެ. އެހެންވީމާ ޑޮލަރަށް ޗެލެންޖުކުރާނެ ބައިނަލްއަގުވާމީ އައު ރިޒާރވް ފައިސާއެއް މިދުވަސްވަރު ތައާރަފުވުމަކީ ހަގީގަތުގައިވެސް ބައިނަލްއަގުވާމީ މާލީ ނިޒާމުގެ ތެރޭގައި އެމެރިކާގެ އާރާއިބާރަށް އަރާނެ ލޮޅުމެކެވެ. ބްރިކްސްގެ ގައުމުތަކުގެ މާލީ ނުފޫޒު އިތުރުވެގެންދާނޭ ކަމެކެވެ. އަދި އީރާނާއި ނައިޖީރިޔާއާއި ޕާކިސްތާނު ފަދަ ގައުމުތަކުން ވަރަށްވެސް ބޮޑަށް މަރުހަބާ ކިޔާނޭ ކަމެކެވެ.

ޔުކްރޭނުގެ މައްސަލައިގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކަކީ އެނޫން ގައުމުތަކަށް ލޯހުޅުވައި ވިސްނާން ލިބުނު ފުރުސަތެކެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތައް ހުޅަނގުގެ މުށުތެރޭގައި ތާށިވެފައިވާ މިންވަރާއި ހަތުރުންނާއި ދެކޮޅަށް މިހަތިޔާރު ބޭނުންކުރަން އަވަސްވެގަންނަ މިންވަރު އެންމެނަށްވެސް ވަނީ ފެނިގެން ގޮސްފައެވެ. ބައިނަލްއަގުވާމީ މާލީ ވިޔުގަ އާއި ބޭންކިން ނިޒާމުގެ ތެރެއިން ރަޝިޔާ ބޭރުކޮށް ޑޮލަރު ލިބޭނޭ ދޮރުދޮރުވެސް ބަންދުކުރީއެވެ. މިއަދު މިކަން ތަޖުރިބާކުރީ ރަޝިޔާއިންނެވެ. މާދަމާ ތަޖުރިބާކުރާނީ ކޮންބައެއްކަމެއްވެސް ނޭނގެއެވެ. ޗައިނާކަމަށްވެސް ވެދާނެއެވެ. އިންޑިޔާކަމަށްވެސް ވެދާނެއެވެ. އެހެންވީމާ އެ ފުރުސަތު ހުޅަނގުގެ ގައުމުތަކަށް ނުދީ އެހެން ނިޒާމެއް އުފެއްދުމުގެ ބޭނުންތެރިކަން ކިތަންމެހާވެސް ވަނީ ބޮޑުވެފައެވެ.

ޔުކްރޭނުގެ މައްސަލައިން ލިބުނު މާލީ ފިލާވަޅުތައް ގިނަގުނައެވެ. އެ ފިލާވަޅުތަކުން ވަރަށް ގިނަ ބަޔަކު ތަޖުރިބާ ލިބިގެންފިއެވެ. މި ފިލާވަޅުތައް ހާސިލްކޮށް އައިއެމްއެފްގެ އިންޓަރނޭޝަނަލް ރިޒާރވް އެސެޓުގެ ބަދަލުގައި އައު ފޯމިއުލާއެއް ވުޖޫދުކުރުމުގެ މުހިއްމުކަން ރަޝިޔާ އާއި ޗައިނާއަށް ވަރަށް ބޮޑަށް ވަނީ މޭރުންވެފައެވެ. ޚާއްސަކޮށް އައިއެމްއެފްގެ "ސްޕެޝަލް ޑްރޯވިންގް ރައިޓްސް" ނުވަތަ އެސްޑީއާރްގެ ބަދަލުގައި އެހެން ޓުކުރިއެއް އޮތުމުގެ ބޭނުން ވަނީ އިހުސާސް ކުރެވިފައެވެ. މިހާރު އެންމެންވެސް އަތްބާނާ އެސްޑީއާރު ޓުކުރީގައި މިހުންނަނީ ޑޮލަރުގެ އިތުރަށް ޔޫރޯއާއި އިނގިރޭސި ޕައުންޑާއި ޖަޕާނުގެ ޔެންއާއި ޗައިނާގެ ޔުއާނެވެ. ޗައިނާއަކީ ހުޅަނގުގެ ބައިވެރިއަކަށް ނުވިޔަސް ޗައިނާގެ ބިޔަ އިގްތިސާދުގެ ސަބަބުން މި ޓުކުރީގައި ޗައިނާގެ ފައިސާ ހިމެނެނީއެވެ.

ބައިނަލްއަގުވާމީ މާލީ ނިޒާމު، ހުޅަނގުގެ ކޮންޓްރޯލްގެ ދަށުގައި އޮންނައޮތުމަކީ ދުނިޔޭގެ އެނޫން ގައުމުތަކުން ރުހޭ ކަމެއް ނޫނެވެ. އޭގެ ސިއްރަކީ ކަމަކާ ހަމަނުރުހުންވެލާއިރަށް އެގައުމަކާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި މި ނިޒާމު ބޭނުންކުރުން އާއްމުކަމުންނެވެ. އިންސާނީ ހައްގުތަކޭ، ޑިމޮކްރަސީއޭ، ދީނީ މިނިވަންކަމޭ ކިޔާފައިވެސް އަޅައިފާނެއެވެ. ގިނަފަހަރަށް މިޒާތުގެ ފިޔަވަޅުތައް އަޅަނީ އިގްތިސާދީގޮތުން ނިކަމެތި ގައުމުތަކާއި ވަކިކަހަލަ އެކްސްޕޯޓެއްގެ މަތީގައި އިގްތިސާދު ބައްޓަންކުރެވިފައިވާ ގައުމުތަކާ ދެކޮޅަށެވެ. އީރާނާއި ވެނެޒުއެލާޔާއި އިރާގު ކަހަލަ ގައުމުތަކާ ދެކޮޅަށެވެ. އެހެންވީމާ މި ނިޒާމަށް ރައްދުދެވޭނެ އައު ނިޒާމެއް ވުޖޫދުވުމަކީ ވަރަށް ގިނަ ގައުމުތަކުން މަރުހަބާ ކިޔާނޭ ކަމެކެވެ. އައު ނިޒާމާއި އައު ޓުކުރި ބަލައިގަންނާނޭ ކަމެކެވެ.

ބްރިކްސްގެ ފަސް ގައުމުގެ ވެރިންގެ ވާރޗުއަލް ސަމިޓެއް މިދިޔަ ހަފުތާގެ ބުދަދުވަހު ވަނީ ބޭއްވިފައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ރިޔާސަތު ބެލެހެއްޓެވި ސަމިޓް ބޭއްވިފައި މިވަނީ ޔުކްރޭނުގެ ހަނގުރާމައިން ލިބުނު ފިލާވަޅުތައް ދިރާސާކުރުމުގެ ތެރެއިންނެވެ. ދެންކުރާންވީ ކަމަކާއި ކުރެވޭނޭ ކަމެއް ދެނެގަތުމުގެ ވިސްނުމުގެ ތެރެއިންނެވެ. އައު މާލީ ނިޒާމަކާއި އައު ޓުކުރިއެއް ވުޖޫދުކުރުމަކީ ކުރީގައިވެސް މަޝްވަރާކުރެވެމުން އައި ކަމެކެވެ. މިހާރު އަލަށް އައި ބަދަލަކީ މި މަޝްވަރާތަކަށް ސީރިއަސްކަން އައުމާއި މިކަން ހަލުވިކުރުމުގެ އަޒުމެވެ. ބްރިކްސް ސަމިޓަށްފަހު ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވިދާޅުވެފައިވެއެވެ. ރިޒާރވް ޓުކުރިއެއް ވުޖޫދުކުރުން އަވަސްކުރުމުގެ ބޭނުން އެންމެންވެސް ގަބޫލުކުރެއެވެ. އެހެންވީމާ ދެން މިކަމަށް ލަހެއްނެތެވެ.