ހުޅުމާލޭގައި އިމާރާތްކުރަމުންދާ ހައުސިން ޕްރޮޖެކްޓްސްތަކުގެ ތެރެއިން 4000 ހައުސިން ޔުނިޓަށް ކުރިމަތިލާ މީހުންގެ ތެރެއިން ފްލެޓް ހިލޭ ލިބޭނީ މާލޭގައި 400 އަކަފޫޓުގެ ގޯއްޗެއް އޮވެ، އެ ގޯތި ސަރުކާރަށް ދޫކޮށްލާ މީހުންނަށް ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިއަދު ގޯއްޗާއި ފްލެޓަށްވެސް ކުރިމަތިލެވޭ ގޮތަށް ތައްޔާރުކުރި، "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް އިފުތިތާހުކޮށްދެއްވައިފައެވެ. އަދި ވަނީ "ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެ ދެ ސްކީމް އިފްތިތާހުކޮށްދެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީން ބުނީ، 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ބިމެއް އޮންނަ މީހަކަށް ފްލެޓް ލިބިއްޖެ ނަމަ، އެ ބިން ސަރުކާރަށް ދޫކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އެގޮތަށް ދޫކޮށްލާ ބިމަކީ 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނަމަ، އެ ފަރާތަކުން ފްލެޓްގެ ކުލި ދައްކަން ނުޖެހޭނެ ކަމަށެވެ.
"ދެން އެ މީހަކު ދައްކަން ޖެހޭނީ މެއިންޓެއިނަންސް ފީގެ ގޮތުގައި ނޫނީ އިންޝިއުރަންސްގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެކަނި،" މިނިސްޓްރީން ބުންޏެވެ.
ހަތަރު ސަތޭކަ އަކަފޫޓަށް ވުރެ ކުޑަ ބިމެއް ދޫކޮށްލާ ނަމަ، އެ މީހަކު ދޫކޮށްލާ ބިމުގެ އަކަފޫޓަކަށް 3،500 ރުފިޔާގެ މަގުން ޖެހޭ އަދަދު ފްލެޓްގެ އަގުން އުނިކޮށްދޭނެ ކަމަށާއި އަދި ބާކީ ބައި ފްލެޓްގެ އަގު ދައްކަން އޮންނަ މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ، ހިޔާ ފްލެޓްތައް ކައިރީގައި މި ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ 4،000 ފްލެޓްގެ މަސައްކަތް އަންނަ އަހަރަށް ނިމޭނެ ކަމަށާއި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަގު 7،000-8،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު