މާލޭ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ 5000 ގޯތީގެ ތެރެއިން 3000 ގޯއްޗަށާއި 4000 ފުލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ގޯއްޗާއި ފްލެޓަށްވެސް ކުރިމަތިލެވޭ ގޮތަށް ތައްޔާރުކުރި، "ގެދޮރުވެރިޔާ" އޮންލައިން ޕޯޓަލް އިފުތިތާހުކޮށްދެއްވައިފައެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މިއަދަކީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ. އެގޮތުން ގޯތިތައް ދޫކުރަން ނިންމާފައިވަނީ ހުޅުމާލެއިންނާއި ގުޅީފަޅު ހިއްކައިގެން ކަމަށާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ދާދި އަވަހަށް ފަށާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ގޯތި ދޫކުރަން ނިންމާފައިވާ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓެވެ. ނަމަވެސް ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުވާނެ ކަމަށާއި އެގޮތުން އެންމެ ގިނަވެގެން ކުރިމަތިލެވޭނީ ހަތް މީހުންނަށް ކަމަށާއި އެއަށްވުރެ ގިނަ މީހުން ކުރިމަތިލިޔަސް ލިބޭނީ 4،000 އަކަފޫޓުގެ ގޯއްޗެއް ކަމަށް ވިދާޅުވިއެވެ.
ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:
- މާލޭގެ ރައްޔިތެއްކަމުގައިވުން
- 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
- މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ނެތުން
- 600 އަކަފޫޓަށްވުރެ ބޮޑުތަނެއް ރަޖިސްޓްރީވެފައިވާނަމަ، އެތަނެއް ދޫކޮށްލަން އެއްބަސްވުން
- އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިވާ މީހެއްކަމުގައި ނުވުން
- ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެންއޮންނަ ތަނެއް ދޫކޮށްލަން އެއްބަސްވުން
- އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައިނުވުން
ތިން ހާސް ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިއަދު ވަނީ ހުޅުވާލައިފައެވެ.
އެގޮތުން މާލޭ މީހުންނާއި މާލޭގައި އުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ފްލެޓަށް ކުރިމަތިލެވޭ އިރު، މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓަށް ކުރިމަތިލުމަށް މީހަކަށް މާލެއިން ލިބިފައިވާ ބިންކޮޅު ދޫކޮށްލުން ލާޒިމެއް ނޫން ކަމަށާއި ނަމަވެސް އެ ބިން ދޫކޮށްލައިފި ނަމަ އެ ބިމުގެ އަގުން ފުލެޓަށް ދައްކަންޖެހޭ އަގުން އުނިވާނެ ކަމަށެވެ.
"ލާޒިމެއް ނޫން ކޮންމެހެން ލިބިފަ އޮތް ބިންކޮޅު ދޫކޮށްލުން. އެކަމަކު ބިންކޮޅު ދޫކޮށްލާ މީހުންނަށް އޮންނާނެ އެޑްވާންޓޭޖަކީ ދޫކޮށްލާ ބިންކޮޅަށް ވާ ފައިސާ ފުލެޓަށް ދައްކަން ޖެހޭ ފައިސާއިން އުނިވާނެ. މި ސްކީމުގަ ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވިދާނެ." އޭނާ ވިދާޅުވިއެވެ.
ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައް:
- މާލޭގެ ރައްޔިތެއްކަމުގައިވުން
- 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން
- މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުން
- އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން
- މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް/ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުން
- ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުން
- މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުން
މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމަޔަށް ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެއަށް ފަހު ފޯމުތައް އިވެލުއޭޓްކޮށް މައުލޫމާތު ސާފުކުރުން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު