ޕީއެސްޖީ

ނާސިރުގެ ކޮރަޕްޝަން މައްސަލައިގެ އިސްތިއުނާފުވެސް ނިމުނީ އޭނާއާ އެއްކޮޅަށް

ޕީއެސްޖީގެ ވެރިޔާ ނާސިރު އެލްހެލައިފީގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތުތަކުގެ އިސްތިއުނާފު ނިންމުމުންވެސް އޭނާ ސަލާމަތް ވެއްޖެއެވެ.

ފީފާއިން މީޑިއާ ރައިޓްސް ވިއްކުމުގައި ގޯސްތަކެއް ހެދުމަށް ބީން މީޑިއާ ގްރޫޕުގެ ޗެއާމަން ނާސިރު ބައިވެރިވެފައިވާ ކަމަށް ބުނެ ސްވިޒަލޭންޑްގެ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅި މައްސަލަ 2020 ވަނަ އަހަރު އޮކްޓޯބަރު މަހު، ސެވިސް ފެޑަރަލް ކޯޓުން ފުރަތަމަވެސް ނިންމީ ނާސިރާ އެއްކޮޅަށެވެ. އެ މައްސަލަ ސްވިސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އިސްތިއުނާފު ކޮށްފައިވާ އިރު، އިސްތިއުނާފު މައްސަލަ ނިންމީ މިދިޔަ ހަފުތާ ތެރޭގައެވެ.

ނާސިރުގެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ފީފާގެ ސެކްރެޓަރީ ޖެނެރަލް ޖެރޯމް ވަލްކޭގެ މައްސަލައާ ވެސް އެކުގައެވެ. މައްސަލަ ހުށަހަޅާފައި ވަނީ ވަލްކޭގެ މަގާމު ބޭނުން ކޮށްގެން ރިޝްވަތު ނަގައި، ޑޮކިއުމަންޓްތައް ފޯޖުކޮށް ޓީވީ ރައިޓްސް ނާސިރަށް ދިން މައްސަލައެއްގެ ގޮތުގައެވެ.

އިސްތިއުނާފުގެ މައްސަލަ ނިންމާފައިވާ ގޮތުން އުމުރުން 61 އަހަރު ވަލްކޭ ވަނީ ކުށްވެރިވެފައެވެ. އެއީ ރިޝްވަތު ނެގުމާއި ވަގު ޑޮކިއުމަންޓްތަކެއް ހެދި މައްސަލައެއްގައެވެ. އެހެންނަމަވެސް އެ ޑޮކިއުމެންޓްތަކަކީ ނާސިރާ ގުޅުން ހުރި ޑޮކިއުމަންޓްތަކެއް ނޫން ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އިސްތިއުނާފު މައްސަލަ ނިންމާފައިވާ ގޮތުން ވަލްކޭއަށް ވަނީ 11 މަހުގެ ޖަލު ހުކުމެއް ކޮށް، 20،000 ސްވިސް ފްރޭންސް އިން ޖޫރިމަނާކޮށް، ފުޓުބޯޅައިން ސަސްޕެންޑްވެސް ކޮށްފައެވެ.

އިސްތިއުނާފު މައްސަލައިގައި ސްވިސް ޕްރޮސެކިއުޓަރު ހުށަހަޅާފައިވާ ބައެއް ޕޮއިންޓްތަކަށް ބަލާ އިރު، ޓީވީ ރައިޓްސް ޑީލް، ނުފޫޒުން ދިނުމަށް ވަލްކޭ އެއްބަސްވެ، އިޓަލީގައި ހުންނަ ނާސިރުގެ ވިލާއެއްގައި ކުއްޔަކާ ނުލައި ވަލްކޭ ޗުއްޓީ ހޭދަކުރި ކަމަށް ބުނެފައިވެއެވެ. އެ ތުހުމަތުތަކަށް ނާސިރާއި ވަލްކޭވެސް ވަނީ ކޯޓުގައި އިންކާރު ކޮށްފައެވެ.

ކޯޓުން ނިންމާފައި ވަނީ ވަލްކޭ "ނުހައްގުން ފައިދާތައް ނެގި،" ކަމަށާއިއެހެން ނަމަވެސް އެ ފައިދާތަކަކީ ނާސިރުގެ ފަރާތުން ފީފާއަށް ފައިސާގެ ގޮތުން ގެއްލުންވި ފައިދާތަކެއް ނޫން ކަމަށެވެ. އެއީ ނާސިރުގެ ބީންއާއެކު މިހާރު ވެފައިވާ އެއްބަސްވުމަށްވުރެ އަގު ކުޑަ އެއްބަސްވުމެއް ފީފާއަށް ހުށަހަޅާފައި ނުވާތީއެވެ.

މިއީ ވަލްކޭގެ މައްޗަށް ފުޓުބޯޅައިގެ ތެރެއިން ނުހައްގުން ކަންކަން ކުރުމަށް ސާބިތުވި ފުރަތަމަ މައްސަލައެއް ނޫނެވެ. 2007 އިން 2015 އަށް ފީފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރި ވަލްކޭ މިހާރުވެސް ހުރީ 10 އަހަރުގެ ސަސްޕެންޝަނެއްގައެވެ. އެއީވެސް މީޑިއާ ރައިޓް ނު އަގުގައި، ނާޖާއިޒު ފައިދާ ނަގައިގެން ވިއްކުމުގެ ކުށެއްގައި ކުރި ސަސްޕެންޝަނެެކެވެ.