ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ޕްރޮޖެކްޓްގެ އެގްރީމެންޓަށް ބަދަލުތަކެއް ގެެނެސް, އަނެއްކާ ވެސް ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑާ އެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާއެވެ. އަދި ޑަޗް ޑޮކްލޭންޑްސްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ޕައުލް ވެން ޑީ ކޭމްޕެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ކުރިން ހައުސިން މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ފްލޯޓިން އައިލެންޑް ޕްރޮޖެކްޓު ދެން ކުރިއަށް ގެންދާނީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލް ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.
ޑރ. މައުސޫމް ވިދާޅުވީ އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލް ޕްރޮޖެކްޓެއް ހިންގަން ފަޅެއް ލިބުން މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ވިދާޅުވީ އަލަށް އެއްބަސްވެވުނު ފްލޯޓިން އައިލެންޑްސް ކޮންސްޕެޓް އެންމެ ރަނގަޅަށް އެގޭނީ އިންވެސްޓަރުންނަށް ކަމަށެވެ. މިއީ ތިމާވެއްޓާ ރަށްޓެހި ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ކުރިން ހަދާފައިވާ އެއްބަސްވުމަށް ބަދަލުގެނެސް އާ އެގްރީމެންޓެއް ހެދީ، ރިސޯޓެއްގެ ބައެއްގައި މީހުން އުޅޭ ތަންތަން އެޅުމަށް މަގުފަހިކޮށް ދިނުމަށް ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
"ވަކިން ރިސޯޓެއް ޑިވެލޮޕްކުރަން އިން ތަނެއްގައި މިހާރު އެ ބޭފުޅުންނަށް މަލްޓި ފެސިލިޓީ ޑިވެލޮޕްކުރެވޭނެ. ދެން ގަވައިދުގައި އިންނަ ގޮތުން މަދުވެގެން ދެ ޕާޓީ އަންނަން ޖެހޭނެ އެ ތަނަށް. ދެ ޕްރޮޕަޓީ އަންނަން ޖެހޭނެ. އެހެންވެ އަނެއްހެން ލީޒް އެގްރީމެންޓަކަށް ބަދަލު ގެނައީކީ ނޫން، ޑިވެލޮޕްކުރާ މޮޑެލްއަށް ބަދަލެއް މި ގެނައީ،" ޑރ. މައުސޫމް ވިދާޅުވިއެވެ.
ޑރ. މައުސޫމް ވިދާޅުވީ، އެގޮތަށް ޕްރޮޖެކްޓް ހިންގަމުން އަންނަ މޮޑެލް ބަދަލުކުރުމަށް ޓްރާންސްފާ ފީއެއްގެ ގޮތުން އެއް މިލިއަން ޑޮލަރު ސަރުކާރަށް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެ ގޮތަށް ނިންމަން ޖެހުނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދަމަހައްޓަން ބޭނުންވާތީ ކަމަށެވެ.
އެއީ ޑަޗް ޑޮކްލޭންސްޑްސް އިން މީގެ ކުރިން ވެސް އިކޮނޮމިކް ކައުންސިލުގައި އެދިފައިވާ ގޮތެވެ. ނަމަވެސް އެކައުންސިލުން ނިންމީ އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ޑަޗް ޑޮކްލޭންސްޑްސްގެ ސީއީއޯ ޕައުލް ވެން ޑީ ވިދާޅުވީ، އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލްއަށް ބަދަލުވުމަށް މަސައްކަތް ކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި އެކަން ހާސިލު ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފަލުން މިތިބީ އިމާރާތްކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނަން. އެއީ އެންމެ މުހިއްމު ކަމަކީ،" ޕައުލް ވެން ޑީ ވިދާޅުވިއެވެ.
ފްލޯޓިން އައިލެންޑްސް ޕްރޮޖެކްޓްސްގައި އެންމެ ފުރަތަމަ ސޮއިކޮށްފައި ވަނީ، ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ.
މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން މެމްބަރުން ތިއްބަވާ ގްރޫޕަކަށް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ފްލޯޓިން ސިޓީގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވީ އެކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ވޯޓެއް ނަގައިގެން ކަމަށެވެ. އެ މަސައްކަތް ހުއްޓުވީ އެމަނިކުފާނުގެ ބައިވެރިވުން އެ ޕްރޮޖެކްޓުގައި އޮތުމުން ކަމަށެވެ.
ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ފްލޯޓިން ސިޓީ ޕްރޮޖެކްޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ރިސޯޓެއް އަދި ގެތައް ވެސް ތަރައްގީކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު