ޚަބަރު

ނަޝީދަށް އިންޒާރު ދިން މީހާގެ ނަފްސާނީ ހާލަތު ދެނެގަންނަން އެސެސްމެންޓެއް ހަދަން އަމުރެއް

އަލީ ޔާމިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ ފޭސްބުކުގައި އިންޒާރު ދިން

އިސްމާއިލް ޔާފިސްގެ ނަފްސާނީ ހާލަތުގެ އެސެސްމެންޓެއް ހެދުމަށާއި އެ އެސެސްމެންޓަށް ފަހު ޝަރީއަތް ކުރިއަށް ގެންދިއުމުގެ އަމުރެއް ނެރެދޭން އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ފަހުމީ މިއަދު ނިންމަވައިފިއެވެ.

ޔާފިސް ފުރަތަމަ ހައްޔަރުކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ވެގެން ބޭއްވި މަޖިލީހެއްގައި ނަޝީދަށް އިތުރަށް އިންޒާރު ދީގެން ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި އޭނާއަށް ޖަލު ހުކުމެއްވެސް އިއްވިއެވެ. ނަމަވެސް ފަހުން ބޭއްވި އަޑުއެހުމެއްގައި ޔާފިސްގެ ފަރާތުން އޭނާގެ ނަފްސާނީ މައްސަލަތަކެއް ހުރިކަން ޝަރީއަތުގެ ސަމާލު ކަމަށް ގެނެސްފައިވެއެވެ.

ޔާފިސްއަށް ކުރާ ދައުވާތަކަށް އޭނާ ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން އެކަމަށް އިންކާރުކޮށް މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާއެކުގައި ކަމަށް ބުނުމުން ޝަރީއަތުން ވަނީ އޭނާއަށް އެ ފުރުސަތު ދީފައެވެ. މިއަދު ބޭއްވި އަޑުއެހުމަށް އޭނާ ހާޒިރުވީ ދިފާއީ ވަކީލަކާއެކުގައެވެ.

ޔާފިސްގެ ވަކީލު ހުސްނީ މުބާރަކް ވިދާޅުވީ، ޔާފިސްގެ ބުއްދީގެ އުނިކަމެއް ފާހަގަވާތީ ނަފްސާނީ ހާލަތުގެ އެސެސްމެންޓެއް ހެދުމުގެ އަމުރެއް ނެރެދޭން އެދޭ ކަމަށެވެ.

އެކަމަށް ދައުލަތުން އިއުތިރާޒުނުކުރުމުން މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ވަނީ، ޔާފިސްގެ މެޑިކަލް އެސެސްމެންޓު ހެދުމުގެ އަމުރެއް ނެރެދެއްވައިފައެވެ.

ޔާފިސްއަށް ދައުލަތުން ކުރަނީ ޓެރަރިޒަމްގެ ތިން ދައުވާއެކެވެ. އެ ހުރިހާ ދައުވާއަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ. އެހެންވެ، ދައުލަތުން ވަނީ އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ.

ޓެރަރިޒަމްގެ އަމަލެއްގެ އިންޒާރު ދިނުމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުމާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އުފުލާފައިވާ ޔާފިސް ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ހާއްސަ ގާނޫނުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.