ސްޕެނިޝް ލަލީގާ

ލަލީގާ ރައީސް ޓެބާސްގެ ހޫނު ހަމަލާއެއް: "ނާސިރު ހީކުރަނީ އަހަރެމެން މިއީ މޮޔައިން ކަމަށް"

ޕީއެސްޖީގެ ޓްރާންސްފާތަކާއި، ފުޓުބޯޅައިގެ ޕްރޮޖެކްޓާ ބެހޭގޮތުން އެ ކްލަބުގެ ރައީސް ނާސިރު އެލް ހެލައިފީ ދެއްކި ވާހަކަތަކަށް ލަލީގާގެ ރައީސް ހަވިއޭ ޓެބާސް ރައްދު ދީފިއެވެ.

ޕީއެސްޖީއާއި ލަލީގާ ފެންނަނީ ބަހުގެ ހަމަލާތަކެއްގައި އޮތް ތަނެވެ. ޕީއެސްޖީއާއި ލަލީގާގެ ގުޅުން އެންމެ ބޮޑަށް ގޯސްވެފައި ވަނީ ކިލިއަން އެމްބާޕޭގެ ޓްރާންސްފާ ކަންތައްތަކުގެ ސަބަބުންވެސް މެއެވެ. މިދިޔަ ސީޒަނުގައި އެމްބާޕޭ ލަލީގާގެ ރެއާލް މެޑްރިޑަށް ދާން އެދުމުން އެކަމަށް ޕީއެސްޖީގެ ރައީސް ނާސީރު ހުރަސް އަޅާފައިވާ އިރު، މި ސީޒަނަށްފަހު އެއްބަސްވުން އާކޮށް ނާސިރު ވަނީ އެމްބާޕޭ ކްލަބުގައި މަޑުކުރުވައިފައެވެ.

މިދިޔަ ސީޒަނަށްފަހު ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް ނަމަވެސް، ނާސިރު ވަނީ ބޮޑު އަގު ހުށަހަޅައި، ބޮޑު އެއްބަސްވުމެއްގައި އެމްބާޕޭއާއެކު ޕީއެސްޖީ ސޮއިކުރުވައިފައެވެ. އެމްބާޕޭ ޕީއެސްޖީގެ އެއްބަސްވުން އާކުރީ ރެއާލަށް އަނގަބަހުން އާއެކޭ ބުނެ، ހުރިހާ ކަމެއް ނިމުމަކަށް ގާތް ވެފައި އޮއްވައެވެ. އެކަމުގެ ހިތްހަމަ ނުޖެހުމުގައި ލަލީގާއިން ވަނީ ޕީއެސްޖީގެ މައްސަލަ ބަލަން ޔޫއެފާއަށްވެސް ހުށަހަޅައިފައެވެ.

ޕީއެސްޖީން ފުޓުބޯޅައިގެ އެތިކްސް ހަލާކުކޮށްލައި، ފީފާގެ ފައިނޭންޝިއަލް އުސޫލުތައްވެސް ފުނޑާލާ ކަމަށް ލަލީގާއިން ބުނެފައިވާ އިރު، ލަލީގާގެ ރައީސް ޓެބާސް ވަނީ ފާޅުގައި ޕީއެސްޖީއަކީ "ފުޓުބޯޅަ ހަލާކުކުރާ ކްލަބެއް،" ކަމަށް ބުނެފައެވެ.

އެ ވާހަކަތަކަށް ޕީއެސްޖީގެ ރައީސް ނާސީރު ވަނީ ރައްދު ދީފައެވެ. ނާސިރު ވިދާޅުވެފައި 180 މިލިއަން ޕައުންޑް ރެއާލްއިން ހުށަހެޅުމުންވެސް އޭނާ އެމްބާޕޭ މަޑުކުރުވީ، އެމްބާޕޭގެ ހިތް އޮތީ ޕީއެސްޖީގައި ކަމަށްވާތީ ކަމަށެވެ. ނާސިރު ވިދާޅުވީ އެމްބާޕޭގެ އާއިލާއިންވެސް ބޭނުންވީ ރެއާލަށް ބަދަލުވާން ނަމަވެސް، ޕީއެސްޖީގައި އޭނާ މަޑުކުރީ ކްލަބަށް، ގައުމަށް، އަދި ޕީއެސްޖީގެ ސްޕޯޓިން ޕްރޮޖެކްޓަށް އޮތް ލޯބީގެ ސަބަބުން ކަމަށެވެ. ފައިސާގެ އެއްވެސް ދަހިވެތި ކަމެއް އެމްބާޕޭގެ ނެތް ކަމަށްވެސް ނާސިރު ވިދާޅުވިއެވެ.

ލަލީގާގެ ރައީސަށް އަމާޒުކޮށް ނާސިރު ވިދާޅުވީ ޕީއެސްޖީން ކަންކަން ކުރަނީ ކުރެވޭނެ ގޮތްތައް ހޯދައިގެން ކަމަށާއި، އެހެން ލީގުތަކުގެ ވާހަކަ ދެއްކުން އެއީ ހުތުރު ކަމެއް ކަމަށެވެ. ނާސިރު ވިދާޅުވީ އެއްވެސް ބައެއްގެ ދަށުވެ، ބާރު ނެތް ކްލަބެއްގެ ގޮތުގައި ޕީއެސްޖީވެސް އަބަދު ނޯންނާނެ ކަމަށާއި، ޕީއެސްޖީގެ ސްޕޯޓިން ޕްރޮޖެކްޓާއެކު ކުރިއަށް ދާނެ ކަމަށެވެ. ނާސިރު އެ އިންޓަވިއުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އިސްވެ ހަދަން އުޅުނު ސުޕަ ލީގު "މަރުވެފައިވާ" ކަމަށްވެސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން ލަލީގާގެ ރައީސް ޓެބާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނާސިރު ހީކުރާ ކަހަލަ މޮޔައިންނަށް ނުވާނެ ކަމަށެވެ.

"ނާސިރު ހީކުރަނީ އަހަރެމެން މިއީ މޮޔައިން ކަމަށް. އޭނާގެ ދޮގުތަކާއެކު، ބޮޑާކަމާއި ކިބުރުވެރިކަމާއެކު އެ ދައްކާ ވާހަކަތަކުން ކަންކަން ސިއްރެއް ނުވާނެ. ޕީއެސްޖީއަށް ގަވާއިދާ އުސޫލުތައް މިއަދަކު ނެތް. އިންޓަވިއުތައް ދީގެން އަހަރެމެންނަށް ފިލާވަޅު ނަގައިދޭން ވިސްނާނެ ކަމެއް ނެތް. އޮޅުވާނުލައި، ސަސްޓެއިން ފުޓުބޯޅައަކަށް އަހަރެމެން ސާބިތުކަމާއެކު މަސައްކަތް ކުރާނަން،" ޓެބާސް ވިދާޅުވިއެވެ.

ޕީއެސްޖީގެ މައްސަލަ ޔޫއެފާއަށް ރަސްމީކޮށް ލަލީގާއިން ހުށަހަޅާފައިވީ ނަމަވެސް، އަދި އެކަމަށް ޔޫއެފާއިން ބަހެއް ބުނެފައެއް ނުވެއެވެ.