ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިންމައިލައިފިއެވެ.
އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 92 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ 59.07 މިލިއަން ރުފިޔާ އަށެވެ.
މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.