ޚަބަރު

ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ކުރުމުން ދޭ އިނާޔަތްތައް ކަނޑާލަން އެމްއެންޕީން ހުށަހަޅައިފި

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ކުރުމުން ދޭ އިނާޔަތް ކަނޑާލަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލިސް މެމްބަރުންނަށް ދޭ އިނާޔަތް ކަނޑާލަން މަޖިލީހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް އެމްއެންޕީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވަނީ މެއި މަހުގެ 26 ވަނަ ދުވަހު ވިދާޅުވެފައެވެ.

އެމްއެންޕީގެ ފަރާތުން މިއަދު އެ ބިލް މަޖިލީހަށް ހުށަހަޅުވައިދެއްވީ އެ ޕާޓީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއެވެ.

ބިލް ހުށަހަޅުވައިދެއްވަމުން އުޝާމް ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު" ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

"އެންމެ ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރާ މީހަކަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް މިފާޓީން ނުދެކޭތީ. މީގެ އިތުރުން އެމްއެންޕީން ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހަކީ މެންބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންޖެހޭ މަޖިލީހެއް،" އުޝާމް ވިދާޅުވިއެބެ.

އުޝާމް ވިދާޅުވީ މިއަދު މި ބިލަކީ މީގެ ކުރިންވެސް އެމްއެންޕީގެ ފަރާތުން "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު" ގެ ދަށުން ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދީފައިވާ ޕެންޝަނަރުންނަށް އެންމެ އިންސާފުވެރިކަމާ އެކީ ޕެންޝަން ލިބޭނެގޮތް މަގުފަހިކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިންކުރާ ކަމެއް ކަމަށެވެ.