ޚަބަރު

ފްލޯޓިން ސިޓީއަކީ ބޮޑު އޮޅުވާލުމެއް: ފައްޔާޒު

މުހައްމަދު އިޝާން

ނެދަލޭންޑްސްގެ ޑަޗް ޑޮކްލޭންޑްސްއިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ޕްރޮޖެކްޓަކީ ބޮޑު އޮޅުވާލުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސްމުހައްމަދު ނަޝީދު މިއަދު އެމްޑީޕީގެ ވަޓްސްއެފް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފްލޯޓިން ސިޓީގެ މަސައްކަތް މިހާރު ހުއްޓިފައިވާ ކަމަށެވެ. އަދި ފްލޯޓިން ސިޓީ މަޝްރޫއު ހުއްޓުވީ އެކަމާ ގުޅިގެން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށްފަހު ވޯޓެއް ނަގައިގެން ކަމަށެވެ. އެ މަސައްކަތް ހުއްޓުވީ އެމަނިކުފާނުގެ ބައިވެރިވުން އެ ޕްރޮޖެކްޓުގައި އޮތުމުން ކަމަށެވެ.

"ފްލޯޓިން ސިޓީގެ ވާހަކަތައް ބޭރު މީޑިއާގައި ހާމަކުރި ނަމަވެސް އިކޮނޮމިކް ކައުސިލްއިން މިނިސްޓަރު ޝައުނާ ވެސް ވޯޓު ދެއްވާ އެކަން ވަނީ ހުއްޓުވާލާފައި. ޑަޗް ޑޮކްލޭންޑްސްއަށް އެކަން ކުރެވޭނެ ގޮތެއް ސަރުކާރުން އެއް ގޮތަކަށް ވެސް ނުދެއްކޭ. ގަބޫލު ކުރެވެނީ އަޅުގަނޑު ނަން ހިމެނޭ ޕްރޮޖެކްޓް އެއްކަމުން ކުރިއަށް ނުގެންދަވަނީ. އަޅުގަނޑު މިހާރު ގަސްދުކުރަނީ ޑަޗް ޑޮކްލޭންޑްސް ކުންފުނިއަށް މިކަން ހިނގާ މަގު ސާފުކޮށްދީ، މި ރާއްޖޭގައި ތިކަން ނުވާނެ ކަމަށް ލަފާއަރުވަން. މީ ދަރަނި ނެތް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓުމެންޓެ ނަގާލަނީ. ބޮޑުވަރު،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ފައްޔާޒު އިސްމާއީލް ވަނީ 2011 ވަނަ އަހަރުގެ ސޮއިކުރެވެނު ފްލޯޓިން ސިޓީގެ އެއްބަސްވުމުގެ މައުލޫމާތު ގްރޫޕުގައި އާންމުކުރައްވައިފައެވެ.

އެއްބަސްވުމުގެ މައުލޫމާތު އާންމުކުރައްވައި ފައްޔާޒު ވިދާޅުވީ ފްލޯޓިން ސިޓީ ޕްރޮޖެކްޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ ކަމަށާއި ރިސޯޓެއް އަދި ގެތައް ވެސް ތަރައްގީކުރާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ އިކޮނޮމިކް ކައުންސިލަށް ޑަޗް ޑޮކްލެންޑްސް އިން ހުށަހެޅީ އެ މީހުންގެ އަމިއްލަ ފައިދާ ހިމެނޭ ހުށަހެޅުމެއް ކަމަށެވެ. އަދި އެކުންފުނިން އެދުނު ގޮތަށް ކަންކަން ކުރުމަށް ގާނޫނު ތަން ނުދޭ ކަމަށާއި އަދި އެކަން ކުރަން ބޭނުންނަމަ ގާނޫނު އިސްލާހު ކުރައްވައި އެމަސައްކަތް ކުރިއަށް ގެންދަން ފުރުސަތު އޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފްލޯޓިން ސިޓީ ހެދުމަށް ޑަޗް ޑޮކްލެންޑްސްއަށް ދިން ފަސް ފަޅެއްގެ ތެރެއިން ތިން ފަޅެއް އެމީހުން ވިއްކާލާފައިވާ ކަމަށެވެ. އެ ފަޅުތައް ބޮޑު އަގުގައި ވިއްކާލައިގެން އެ ކުންފުނިން ބޮޑު ފައިދާއެއް ހޯދާފައިވާ ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ. އަދި އެފަޅުގައި އިތުރު ހަ ރަށެއް ހިއްކުމަށް ފަހު އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ވިއްކާލުމަށް ކަމަށާއި އެ ކުންފުންޏަށް ދޫކުރި ފަޅުގައި ރިސޯޓް ތަަރައްގީކޮށް، ނުވަތަ އާއްމުކޮށްފައިވާ ކޮންސެޕްޓާ އެއްގޮތަށް ގެތައް ނިންމަފާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، ޑަޗް ޑޮކްލޭންޑްސް އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅީ ރިސޯޓެއްގެ ފަޅު ތެރޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދައަށް ކަމަށެވެ. އެ ކުންފުނިން ބޭނުން ވަނީ ރިސޯޓުގެ ފަޅުން ވަކި ބައެއްގައި ހައުސިން ޕްރޮޖެކްޓް ކުރިއަށް ގެންދާއިރު، އެ ސަރަހައްދު ޓޫރިޒަމް ގާނޫނުގެ ދަށުން ޓޫރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދުން އުނިކޮށްދިނުމަށެވެ.

"ރިސޯޓެއްގެ ފަޅުތެރޭގައި ވަކި ސޯޝަލް ހައުސިން ޕްރޮޖެކްޓެއް ގެންގުޅެން ހުއްދަ ދިނުމަކީ ވަރަށް ބޮޑު ގޯހެއް. އެހެން ނޫނަސް އެކަން ކުރެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން،" ފައްޔާޒް ވިދާޅުވިއެވެ.

ނަޝީދުގެ ނަންފުޅު ބޭނުންކޮށްގެން ޑަޗް ޑޮކްލޭންޑްސްއިން މަސައްކަތް ކުރަމުންދަނީ އަމިއްލަ ފައިދާ ހޯދަންކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.