ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަތައް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސް ކޮށްފިއެވެ.
މާލިއްޔަތު ކޮިޓީން މިގޮތަށް ފާސްކޮށްފައި ވަނީ، އެކަމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހެޅު ހުށަހެޅުމަކާ ގުޅިގެންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވިދާޅުވީ، މެޖިސްތްރޭޓުންނަށް މިހާރު ކަނޑައަޅާފައިވާ މުސާރައަކީ 2010 ވަނަ އަހަރު ކަނޑައަޅާފައިވާ މުސާރައެއް ކަމަށާއި، މެޖިސްޓްރޭޓުންގެ މިހާރުގެ އޮނިގަނޑުގެ ސަބަބުން މެޖިސްޓްރޭޓުން އައްޔަން ކުރުމަށާއި އެކަން ދެމެހެއްޓުމަށް އެމީހުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލަ ގެންނަން ޖެހޭކަމަށް ޖޭއެސްސީން ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ޕޭ ކޮމިޝަނުން ވަނީ ހުއްދަ ދީފައެވެ.
އެހެންކަމުން ޖޭއެސްސީން ހުށަހަޅާފައިވާގޮތަށް މުސާރަ ބޮޑުކުރަން ފާސްކުރަން ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުއްވީ، އެމްއެންޕީގެ މެންބަރު ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ރިޔާޒެެވެ.
ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާއެވެ.
މެންބަރު ރިޔާޒު ވިދާޅުވީ، އެމްއެންޕީގެ ވިސްނުމަކީ އެއްވެސް ރައްޔިތަކަށް މަންފާއެއް ވާނަމަ އެކަމަށް ތާއީދު ކުރުން ކަމަށާއި، ބޭނުމަކީ ފުދުންތެރި ރައްޔިތުންތަކެއް އުޅުން ކަމަށެވެ. އަދި މެޖިސްތްރޭޓުންނަކީ، ވަރަށް ބުރަކޮށް ރަށްރަށުގައި އަވަދިނެތި ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ވާތީ އެ ބޭފުޅުންގެ މަސައްކަތާ އެއްވަރުގެ އުޖޫރައެއް ދިނުމަކީ މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޖޭއެސްސީން އެދިފައިވާގޮތަށް އެ ފަރާތްތަކުގެ މުސާރަ ބޮޑުކުރަން ފާސްކުރަން ހުށަހަޅުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮމިޓީން އެގޮތަށް ފާސް ކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުގެ ތާއީދާވެސް އެކުގައެވެ.
ޖޭއެސްސީން ހުށަހަޅާފައިވާ ގޮތުން، ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާ އެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ވިދާޅުވީ، މި ކަމަކީ ހަރަދު ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމުމުގެ ކުރިން ހަމަޖައްސާފައިވާ ކަމެއް ކަމަށާއި، އަދި މިއަހަރުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.