ވަޅިއަކުން ހަމަލާދީ، ކުރީގެ ފިރިމީހާ މއ. އެދުރުގޭ/ ހަސަން ޝާހިދު މަރާލި މައްސަލައިގައި ހ. ބައިކެނޑިގޭ/ މަރިޔަމް ނަޒާހާ، 25 އަހަރަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ ސުޕްރީމް ކޯޓުގައި ބޭއްވި މި މައްސަލައިގެ ހަތަރު ވަނަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުމުގައި އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެ ދިފާއުގައި ނަޒާހާ އާއި އޭނާގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވާހަކަދައްކަވާފައިވާ އިރު، ޝާހިދު މަރާލީ ގަސްތުގައިކަން ސާބިތު ކޮށްދިނުމަށް ދައުލަތުގެ ވަކީލުން ވަނީ ވާހަކަ ދައްކަވައިފައެވެ.
އެގޮތުން ޝާހިދުގެ ގަޔަށް ނަޒާހާ ވަޅި ހެރީ އަމިއްލަ ދިފާއުގައި ކަމަށް ބުނާއިރު، ވަޅި ހަރާފައި ވަނީ ޝާހިދުގެ ފަހަތުން ބުރަކައްޓަށް ކަމަށާއި އެކަމުގައި ނަޒާހާއަށް އެއްވެސް ތްރެޓެއް ނެތް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ފެއްޓެވުމަށްފަހު، ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާއު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވީ ވޭތުވެދިޔަ ތިން އަޑު އެހުމުގައިވެސް މައްސަލައާމެދު ވާހަކަ ދެއްކުމަށް ދެފަރާތައްވެސް ފުރުސަތު ދެއްވާފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އޮންނާނީ ޕީޖީ އޮފީހަށް ފުރުސަތު ދެއްވުމަށްފަހު، ފަނޑިޔާރުން ސުވާލު ކުރެއްވުމަށް ފުރުސަދު ދެއްވުން ކަމަށެވެ. އެއަށްފަހު ވައިންޑްއަޕް ކުރުމަށް ދެ ފަރާތަށް ފުރުސަތު ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެހިސާބުން ނަޒާހާގެ ދިފާއީ ވަކީލު ނިހާޔަތު ފުރުސަސަތަކަށް އެދިލެއްވިއެވެ. އޭނާ ވިދާޅުވީ އެންމެފަހުން ބޭއްވި އަޑު އެހުމުގައި ދައުލަތުން ފާހަގަ ކުރި ކަންތައްތަކަށް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނަޒާހާއަށް ލިބިފައި ނުވާ ކަމަށެވެ. އެދުވަހު ވަގުތުގެ ދަތިކަމާ ހުރެ، ބައެއް ނުކުތާތަކަށް އެއްޗެއް ބުނި ނަމަވެސް ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވާން ފުރުސަތު ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން، ތަފްސީލީ ގޮތެއްގައި ޖަވާބުދާރީވާން ކިހާ ވަގުތެއް ބޭނުންވޭތޯ އުއްތަމަ ފަނޑޔާރު ސުވާލު ކުރެއްވިއެވެ. ނިހާޔަރު ވިދާޅުވީ އެކަމަށް 25 ވަރަކަށް މިނެޓްގެ ވަގުތެއް ބޭނުންވާ ކަމަށެވެ. އެހެންކަމުން ތަކުރާރު ނުވާނެ ގޮތަށް ޖަވާބުދާރީ ވުމަށް ނިހާޔަތަށް ފުރުސަތު ދެއްވިއެވެ.
އެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ނިހާޔަތު ވިދާޅުވީ، ނަޒާހަތުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ދުރާލާ ރާވައިގެން ކުރީގެ ފިރިމީހާ މަރާލުމުގެ ދައުވާގެ ސިފަ މިދައުވާގައި ޖެއްސުމަށް ކަމަށާއި އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
ހެކީގެ ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދެ ސީޑީއެއްގެ ވާހަކަ ފާހަގަ ކުރައްވައި ނިހާޔަތު ވިދާޅުވީ އެއީ ދަށު ކޯޓުތަކަށް ހުށަހަޅާފައިވާ ހެކިތަކެއް ނޫން ކަމުން އެ ހެކިތަކަށް ދައުވާގެ މި މަރުހަލާގައި ރިއާޔަތް ކުރެވިގެން ނުވާނެ ކަމަށެވެ.
ޝާހިދު މަރާލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ނަޒާހާ ބުނަމުން އަންނަ ކަމަށާއި ޝާހިދު މަރުވެފައި ވަނީ ނަޒާހާއަށް ބޮޑު އަނިޔާއެއް ކުރިމަތިވާން އުޅޭ ކަމުގެ ބިރަށް އަމިއްލަ ނަފްސުގެ ރައްކާތެރިކަމަށް ކުރެވުނު ކަމެއްގެ ނަތީޖާ އިން ކަމަށާއި މި މައްސަލައިގެ ހުރިހާ މަރުހަލާއެއްގައިވެސް ނަޒާހާގެ ބަހަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދަށް ހަމަލާ ދިނީ އަމިއްލަ ދިފާއުގައިކަން ސާބިތު ކޮށްދިނުމައްޓަކައި ޝާހިދުގެ ފަރާތުން ނަޒާހާއަށް ލިބެމުންދިޔަ ކަމަށް ބުނާ އަނިޔާތަކެއް ވެސް ނިހާޔަތު މިއަދު ކިޔައިދިނެވެ.
ނަޒާހާގެ ބަޔާނުގައި ހިމެނޭ ބައިތަކެއް ކަން ފާހަގަ ކުރައްވައި ނިހާޔަތު ވިދާޅުވީ ނަޒާހާއަށް ތަކުރާރުކޮށް އަނިޔާކުރަމުންދާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ނަޒާހާގެ ގެޔަށް ޝާހިދު ވަނުން ވެސް މަނާ ކޮށްފައިވާ ކަމަށެވެ. އަދި ނަޒާހާއަށް ޝާހިދު އަނިޔާ ކުރާ ކަން އެނގޭ މީހުން ބަޔާން ދީފައިވާ ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުގެ ބަޔާނުގައި ހިމެނޭ ކަންތައްތައްވެސް ނިހާޔަތު ފާހަގަ ކުރެއްވިއެވެ.
ޝާހިދު ދިން އަނިޔާތަކުގެ ތެރޭގައި 2008 ވަނަ އަހަރު ނަޒާހާ ބަލިވެއިންދައި ޝާހިދު، އޭނާގެ ކަރުގައި ހިފައި ޖޯލި މައްޗަށް ވައްޓާލި ކަމަށާއި އޯލެވެލްގެ އިނގިރޭސި އިމްތިހާނުގައި ބައިވެރިވާން ދަނިކޮށް، ގޮށްމުށްކަވާފައި އަތުން ބޮލުގައި ތަޅައި އަނިޔާކުރުމުން އިމްތިހާނު މަރުކަޒަށް ދިއުމުގެ ބަދަލުގައި ހޮސްޕިޓަލަށް ދާން ޖެހުނުކަންވެސް ފާހަގަ ކުރެއްވިއެވެ.
އަދި ނަޒާހާ ވަޒީފާ އަދާކުރި ހީޓަށް ޝާހިދު ގޮސް ނަޒާހާގެ ކަރުގައި ހިފައި ފާރަށް ޖަހައި މާރާމާރީ ހިންގުމާ ގުޅީގެން ފުލުހުން ޝާހިދު ހައްޔަރުކުރި ކަމަށާއި އެ މައްސަލައިގައި ނަޒާހާ ދައުވާ ނުކުރީ، ޝާހިދުގެ އާއިލާގެ އެދުމުގެ މަތިން މައްސަލަ އަނބުރާ ނަގައިގެން ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ހީޓުގެ އިވެންޓަކަށް ނަޒާހާ ދާން އޮއްވައި އޭނާ އާއި ހީޓުގެ އެހެން ބަޔަކަށް ޝާހިދު ބިރު ދެއްކުމުން ނަޒާހާ އިވެންޓުން ވަކިކުރި ކަންވެސް ފާހަގަ ކުރެއްވިއެވެ.
ނަޒާހާގެ ކަރުގައި ހިފައި ޝާހިދު އަނިޔާކުރި މަންޒަރު، މި މީހުންގެ ދަރިފުޅަށް ފެނި ކުރި އަސަރުން ފިޓް ޖެހި ފަރުވާއަށް އެ ދެމީހުން ސްރީ ލަންކާއަށް ދާންޖެހުނު ކަމަށާއި ދަރިފުޅަށް ބުއްދޭން އިންދައި ކުރި އަނިޔާގެ ސަބަބުން އެތާހުރި ހޫނު ފެން އެއްޗެއް ދަރިފުޅާއި ނަޒާހާގެ ގަޔަށް އެޅުނު ކަމަށްވެސް ވަކީލު ފާހަގަ ކުރެއްވިއެވެ.
ދިފާއީ ވަކީލުގެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ސީޑީގައި ހިމެނޭ ކަމަށް ދިފާއުން ފާހަގަ ކުރި ހެކިތަކަކީ ދަށު ކޯޓުތަކަށް ހުށަހަޅާފައިވާ ހެކިތަކެއް ކަމަށެވެ. އަދި ވިދާޅުވީ ޝާހިދުވެސް ނަޒާހާއަށް އަނިޔާ ކުރާ ކަމަށާއި ނަޒާހާވެސް ޝާހިދަށް އަނިޔާ ކުރާ ކަމަށެވެ. އެ ދެމީހުންނަކީ ހަމަނުޖެހޭ ރިލޭޝަލް ޝިޕެއްގައި އުޅޭ ދެމީހުންކަން ދައުލަތުން ފާހަގަ ކުރިއެވެ.
ހީޓްގައި ޝާހިދު ހިންގި ކަމަށް ދިފާއުން ބުނި މާރާމާރީއާ ބެހޭގޮތުން ދައުލަތުން ބުނީ "އެ ދުވަހު ހީޓަށް ދާން ވެގެން ދަރިފުޅު ބަލައި އަންނަ ނަޒާހާ ޝާހިދަށް ގުޅި ނަމަވެސް އެދުވަހު ބަލިވެ އުޅޭތީ ދަރިފުޅު ބަލައި ނުދެވޭނެ ކަމަށް ބުނި ކަމަށާއި ނަމަވެސް ދަރިފުޅު ބަހައްޓާފައި ނަޒާހާ ހީޓަށް ދިއުމުން ޝާހިދު ދަރިފުޅު ގޮވައިގެން ހީޓަށް ގޮސް ނަޒާހާ ކައިރިއަށް ގޮސް ދަރިފުޅު ބަހައްޓާފައި ދިޔައީމަ، އެކަމާ ހަމަނުޖެހުން ހިނގައި މާރާމާރީ ހިނގީ،" ކަމަށެވެ.
މި ކަންތައްތައް އެ މައްސަލައާ ގުޅިގެން ނަޒާހާ އާއި ޝާހިދު ދީފައިވާ ބަޔާނުން އެނގޭނެ ކަމަށްވެސް ދައުލަތުން ބުންނެވެ. އަދި އެފަދަ މައްސަލަ ތަކުގައި ނަޒާހާ އާއި ޝާހިދާ ގުޅޭގޮތުން އެކި ފަހަރުމަތިން ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކާ ގުޅިގެން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށް ނަޒާހާ ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި ވެސް ޝާހިދަށް އަނިޔާ ކުރާ ކަމަށާއި ޝާހިދުގެ ގައިގައި ޖަހާ ކަމަަށް ނަޒާހާ އަމިއްލައަށް ބުނެފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ޝާހިދުގެ ގަޔަށް ވަޅި ހެރުނުކަމާމެދު ނަޒާހާ އިންކާރެއް ނުކުރާ ކަމަށާއި ނަމަވެސް އެއީ މަރާލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަން ސާބިތު ކޮށްދެނީ ކޮން ގޮތަކުންތޯ، އުއްތަމަ ފަނޑިޔާރު ދައުލަތާ ކުރެއްވި ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ގަތުލު އަމްދުގައި ގަސްތު ޑިފައިންކޮށްދީފައި ވަނީ މީހަކު މަރާލެވިދާ ފަދަ އެއްޗަކުން މީހަކަށް ހަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެދިއުން ކަމަށެވެ.
"ރާއްޖޭގައި ގާނޫނުގައި ނިޔަތް ޑިފައިންކޮށްދީފައިވާ ގޮތަށް ބަލާއިރު ގާނޫނުލް އުގޫބާތައް ނަޒަރު ކުރަންޖެހޭ، ގާނޫނުލް އުގޫބާތުގެ 110 ވަނަ މާއްދާގައި ވާގޮތުން، އޭގަ ފުރަތަމަ ދަރަޖައަކަށް އޮންނަނީ އެނގި ހުރުން، އެނގިރުން މިއޮންނަނީ އަމަލުގެ ރުކުނާ ގުޅޭގޮތުން ކަމަށްވާނަމަ، އޭނަ އެކުރާ އަމަލަކީ އެޒާތުގެ ނުވަތަ އެ ބާވަތުގެ އަމަލެއްކަން އެނގިގެންވުން. އެގޮތުން ފުރަތަމަ ކަމަކަށް މި ހާދިސާގައި ބޭނުންކޮށްފައިވާ ހަތިޔާރު، ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފަ މިވަނީ. އެހަމަލާ ދީފައިމިވާ ތަނަކީ ބުރަކައްޓަށް ފުރަގަހުން ހަމަލާދީފައި މި ވަނީ. އެހެންވީމާ ޝާހިދަށް ދިފާއު ނުވެވޭގޮތަށް ހަމަލާ ދީފައި މިވަނީ އަދި ނަޒާހާއަށް ތުރެޓެއް އޮތް ކަމަކަށް ނުބެލެވޭ. އަދި އެއްވެސް ލިޔެކިއުމެއްގައިވެސް އަދި އަދަށް ދައްކާފައިވާ ވާހަކައެއްގައިވެސް ބަޔާނެއް ނުކުރާ ޝާހިދުގެ އަތުގައި އެވަގުތު ހަތިޔާރެއް އޮތްކަން ނުވަތަ ނަޒާހާއަށް ހަމަލާއެއްދޭން އުޅޭކަން،" ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ މަރުގެ ހާދިސާ ހިނގީ އެ ދެމީހުންގެ ދަރިފުޅުގެ ކަސްޓަޑީ ނަޒާހާއާ ހަވާލު ކުރުމަށް އެދި ޝާހިދުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައަށް ނަޒާހާ ހާޒިރު ނުވެގެން ކޯޓުގެ ލިއުން ހިފައިގެން ޝާހިދު އެ ގެއަށް ދިއުމުން ކަމަށެވެ. ޝާހިދު އެގެއަށް ދިޔައީ ނަޒާހާ ފޯނުން ގުޅައިގެން ފޯނު ނުނެގުމުން ކަމަށާއި ފޯނު ނުނެގުމުން ޝާހިދު އެގެއަށް އަންނާނެ ކަން ނަޒާހާއަށް އެނގޭތީ އެކަމަށް ތައްޔާރުވާން އޭނާއަށް ވަގުތު ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ނަޒާހާ ވާހަކަ ދައްކާފައި ވަނީ އެކި ފަހަރު އެކިގޮތަށް ކަމަށްވެސް ދައުލަތުން ބުންޏެވެ.
"އެއްބައި ފަހަރު މިބުނަނީ އެތަނުން އެއްޗެއް ނަގާފައި ތިމަންނައަށް އަނިޔާކުރަން އުޅޭހެން ހީވެގެން ޝާހިދަށް ހަމަލާ ދިނީއޭ. އަނެއް ފަހަރު މި ބުނަނީ ބަޔަކަށް ގޮވާހެން ތިމަންނާއަށް ހީވެގެން ތިމަންނަ ރޭޕް ކުރަން އަންނަނީ ކަމަށް ހީވެގެން ހަމާ ދިނީއޭ މި ދެ ނެރޭޝަން މިއަންނަނީ ސެލްފް ޑިފެންސް އެސްޓެބްލެޝް ކުރުމަށް ނަޒާހާގެ ފަރާތުން،" ދައުލަތުން ބުންޏެވެ.