ރިސޯޓުތަކުން ކޮވިޑު ޖެހި އެކަހެރި ކުރާ މުވައްޒަފުންނަށް އިހުމާލުވަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށް ކަމާގުޅޭ އިދާރާތަކަށް ޓޫރިޒަމް އެމްޕްލޯއީސް އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފިއެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ކޭސްތައް އިތުރުވަމުންދާ އިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނި ގޮތުގައި، މިމަހުގެ ދެ ވަނަ ހަފުތާއާ އަޅައި ބަލާއިރު ތިން ވަނަ ހަފުތާގައި ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ 185 ޕަސަންޓް މައްޗަށް ގޮސްފައެވެ. އަދި ރިސޯޓުތަކުންވެސް ބަލިޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓީނުކުރާ މުވައްޒަފުންނާއި އެކަހެރިކުރާ މުވައްޒަފުންނަށް މުސާރަ ނުލިބޭ ގޮތަށް ދުވަސްތައް ގުނަމުންދާ ކަމަށެވެ. އަދި ޗުއްޓީއާއި އެހެނިހެން ލީވްތައް ކަރަންޓީނު ދުވަސްތަކަށް ކަނޑަމުންދާކަމުގެ ޝަކުވާ އެ ޖަމިއްޔާއަށް ލިބެމުންދާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އެކި ރިސޯޓުތަކުގައި އެބަޔަކަށް ފެންނަ ހަރުކަށި ފިޔަވަޅުތަކެއް މުވައްޒަފުންނަށް އަޅަމުންދާ ކަމަށާއި އޮފް ޑޭތައް އެއްކޮށްގެން ނެގުން މަނާކުރުމާއި ރިސޯޓުގައި އޮފް ދުވަސް ނަގަން މަޖުބޫރުކުރުން ފަދަ ކަންތައް ކުރަމުންދާކަމުގެ ޝަކުވާއާއި ކަންބޮޑުވުން ވަރަށް ބޮޑަށް ލިބެމުންދާ ކަމަށްވެސް ޓީމުން ބުންޏެވެ.

އެހެންކަމުން ޓީމުން ވަނީ އެފަދަ ކަންކަން ކަމާގުޅޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަންކަމަށް ހައްލެއް ގެނައުމަށް ގޮވާލައިފައެވެ.

މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތުން އަދި އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.