ރިޕޯޓް

"މެތާއި މިއައޮމިއައޮ" މޮޅެތި ނަންނަމުގެ މަސްތުގެ ތެރޭގައި ޖީލެއް ނިމިދަނީ، އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް؟

ފަހަކަށް އައިސް ގޭދޮށުންް ފެންނަ އަންހެނެކެވެ. އިރެއްގައި ރީތިކަމަށް މުޅި ހިސާބުގައި ނަންހިނގި ކުއްޖެކެވެ. މޮޑެލް ކުރާ ކުއްޖެކޭ ކިޔައި މީހުން ގޮވައި އުޅުނެވެ. އެކަމަކު މިހާރު ލައިގެން ހުންނަ ހެދުންގަނޑު އޮންނަނީ ކިލަޔާ ތަތްތެޅިފައެވެ. ދިގު އިސްތަށިގަޑު ނުދޮވެ އޮވެއޮވެ ހަރުވެފައެވެ. މޫނުގެ ސިފަ ބަލައިލާކަށް ނުކެރެއެވެ. އަނގައިގައި އެންމެ ދަތެއްވެސް ނެތްކަހަލައެވެ. ދަތްތައް ފީވެ ފައިބައި، ހަލާކުވެ ހުސްވެފައެވެ. މިއީވެސް ގައިމު ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ކޮންމެވެސް ދަރިއެއްގެ މަންމައެއްވެސްމެއެވެ. އެކަމަކު މީނާ މިގޮތަށް އުޅުން ހިޔާރު ކުރީ އެނގޭމީހުންގެ ނަސޭހަތް އަޑުނާހައި، ދެކޮޅަށް މޮޅު ބަސް ބުނެފައެވެ.

"މެތާއި މިއައޮމިއައޮ އެއީ ހިރޮއިންއެއް ނޫނޭ. ހަކުރުބޯ މީހުންހެން އަހަރެމެން ނޫޅެމޭ. މިއީ އަސްލު ލައިފްގެ އެއްޗަކީ."

މަސްތުވާ ތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުން ތަކުރާރުކޮށް މީނާއަށް ވިސްނައިދީ، ފަރުވާއަށް ފޮނުވަން އުޅުނުކަމަށް އެމަސައްކަތުގައި އުޅޭ ވޮލަންޓިއާ ފަރާތްތަކުން ބުންޏެވެ.

"އަހަރެމެން ވަރަށް މަސައްކަތް ކުރިން، ޕޮލިސް މެދުވެރިކޮށްގެން ވެސް ނެގިން، ރީހެބަށް ފޮނުވަން އުޅުނީމަ ކޮންމެ ފަހަރަކު ދެކޮޅަށް ނުކުންނާނީ، ދެން ބުނާނެ، ތިމަންނާ މިއީ ހަކުރުބޯ މީހެއް ނޫނޭ."

"މެތަކީ މަސްތުވާއެއްޗެއް ނޫނޭ، އެއަކުން މީހާ ވާނުވާއެއް ނުވެއޭ، ހުންނަނީ ހަމައިގައޭ، ވާނުވާ އެނގެޔޭ، ކުރެވޭ ނުކުރެވޭ ކަންތައްތައްވެސް އެނގެޔޭ، ދެއްކޭ ނުދެއްކޭ ވާހަކަ އެނގެޔޭ، ދެން ކޮބާ މަސްތުވެފަ، ނަމާދުވެސް ކުރެވޭނެ، މަސައްކަތްވެސް ކުރެވޭނެ، އަހަރެމެން މިބޭނުން ކުރަނީ ހަމަޖެހިލައިގެން، ސިކުނޑި ފްރެޝްކޮށް، މީހާ ސްމާޓުވާންވެގެން ބޭނުން ކުރާ ބޭހެއްނު، ދެން ކޮން މަސްތުވާއެއްޗެކޭ ކިޔާކަށް،" މިއީ އެއްގޮތަކަށްވެސް ހަމަޖެހޭ ވާހަކަތަކެއް ނޫނެވެ. މެތަންފެޓަމައިންއަކީ ނުރައްކާތެރިކަމަށް މުޅި ދުނިޔޭގައި މަޝްހޫރު ކެމިކަލްޑްރަގެކެވެ.

ބްރައުންޝުގާ ނުވަތަ ހިރޮއިންއަށްވުރެ މާނުރައްކާތެރި، އެހާމެ ބާރުގަދަ މެތަންފެޓަމައިން އާއި ކޮކޭން، އަދި މިއައޮ މިއައޮ އަކީ މާބޮޑަށްވެސް ނުރައްކާތެރި، އެހާމެ އެޑިކްޝަން ނުވަތަ ދެވިހިފުން ބޮޑު ބިރުވެރިކަމެކެވެ. މެތަންފެޓަމައިންއަކީ ބާރުގަދަ ކެމިކަލްއެކެވެ. މިޑުރަގު ނާޖާއިޒުގޮތުގައި ބޭނުން ކުރަން ފަށާތާ ހަމައެންމެ ހައެއްކަ މަސްދުވަސްތެރޭ މީހާގެ ސިފަ ޒޮމްބީ ކަށިގަނޑަކަށް ބަދަލުވެ، އަވަހަށް ފަރުވާ ނުދެވިއްޖެނަމަ މަރާ ހަމައަށް ގެންދެއެވެ.

މިކިޔައިދޭ ޒުވާނާއަކީވެސް މެތަންފެޓަމައިންގެ ޝިކާރައަކަށްވީ މީހެކެވެ. އެއީ މާލޭގެ ގިނަ މަގުތަކުން ފެނުނު މީހެކެވެ. ބައެއް ފަހަރު ބާޒާރުމަތީ ސަލާން ޖަހަނިކޮށް ފެނުނެވެ. އަނެއްބައި ފަހަރު ކޮންމެވެސް ފިހާރައެއްގެ އަސްކަނިދޮށުން ފެނިދާނެއެވެ. ބައެއް ފަހަރު މަގުމަތިން ކޮންމެވެސް އެއްޗެއް ހޮވާތަންވެސް ފެނެއެވެ. އެއީ ކާކުބާވައެވެ؟

"ނޭނގޭތަ؟ އެއީ ވަަރަށް މޮޅަށް ކިޔަވައިގެންވެސް ހުރި ސޮރެއް. މިހާރު އެހެރީ މުޅިން ގޮވާފަ" އޭރު ކޮންމެވެސް މީހެއް ގާތު ސުވާލުކޮށްލުމުންް ބުނީ މިހެންނެވެ.

މިއީ މާދުރު މާޒީއެއްގައެއް ނޫން، ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން ރަތްކުލައިގެ ޖީއެން ސައިކަލެއްގައި، ދުވާލަކަށް ސްޓައިލެއް ކަމަށް، ޒަމާނީ ހުރިހާ ކުލައެއް ޖެހިގެން ހެޕީކޮށް އުޅޭތަން ފެނުނު ޒުވާނާއެވެ. މުޅި މާފަންނުކޮޅުގައި "ދާދާ"ކަން ކުރިއެވެ. މީނާ އުޅޭ ހިސާބެއް ނަމަ އެހިސާބެއްގައި އޮންނާނީ މީނާގެ ވެރިކަމެވެ. ޅަޒުވާން އަންހެންކުދިން މީނާއާ ހެދި މޮޔަވެއެވެ. އެކުދިންނަށް ފައިސާ އާއި ބާރު މީނާގެ ފަރާތުން ލިބެއެވެ. މީނާގެ ތަރި އުދަރެހުގައި ބަބުޅަން ފެށިތާ އަހަރު ނުވަނީސް ފެންނަން ފެށީ މަގުމަތިން ޖަވާހިރު ހޮވަމުން، އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔަމުން އުޅޭތަނެވެ. މާގިނަ ދުވަހެއްް ނުވެ ދެން އިވުނީ ގެއެއްގެ ތެރޭގައި މީނާ މަރުވެފައި އޮއްވައި ފެނުނު ވާހަކައެވެ. ހިތާމަވެރި މަރުތަކެވެ.

މިފަދަ މަންޒަރުތައް ދުވަހެއްދުވަހަކަށް މުޖުތަމައު ތެރޭގައި ދަނީ ގިނަވަމުންނެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޅަޒުވާނުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކޮންމެ ވައްތަރަކަށް ދޭން އެންމެ އެކަށޭނަ ފަރުވާއެއް ނެތެވެ. އެންމެނަށް ދޭން އެންމެ އެކަށީގެންވާ ފަރުވާ ނެތުމާއި ހޭލުންތެރިކަން ކުޑަވުމާއި ގައިގައި ނެތް ބާރު ފެންނަ، ނުހުންނަ ވަރު ދައްކުވައިދޭ، ޒާތްޒާތުގެ ބިރުވެރި ކެމިކަލްތައް ފަސޭހައިން ލިބެން ހުރުމާއި މިހެން ގޮސް ތަފާތު އެތައް، އެތައް ބައިވަރު ސަބަބުތަކެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަ ކުރާ އެންޓިޑްރަގްޑޭ، ޖޫންމަގުގެ 26ގައި ރާއްޖޭގައިވެސް ފާހަގަ ކުރެއެވެ. އެހެންނަމަވެސް ސުވާލަކީ މިދުވަސް ފާހަގަ ކުރުމަށް ކަންތައްތައް ކުރާއިރު، ރާއްޖޭގައި މަސްތުވާތަކެތީގެ ހޭލުންތެރިކަން އޮތީ ކިހިނެއް، ކިހާވަރަކަށްތޯ އެނގޭބާވައެވެ. ނުވަތަ ބަލާ ޗެކު ކުރެވޭބާވައެވެ. ފަހަކަށް އައިސް، މުޅި ޒުވާން ޖީލަށް ތައާރަފު ވެގެން އުޅޭ މެތަންފެޓަމައިން އަކީ ކޮން އެއްޗެއްކަން އެނގެނީ ކިތައް ބެލެނިވެރިންނަށްބާވައެވެ. މެތަންފެޓަމައިން ބޭނުން ކުރާ ކުދިންނަކީ ރީތި، ޒުވާން، އަދި ބައެއް ފަހަރު ކިރިޔާ ފުރާވަރަށް އަރައިގެން އަންނަ ކުދިންނެވެ. މިކުދިންނަށް މިޑްރަގް މާ މޮޅުވަނީ ސަބަބުތަކެއް ނެތިއެއްނޫނެވެ. މިއީ އަގުބޮޑު އެއްޗެއް ނޫންކަމަށް ވެފައި އަދި މިއިން އެންމެ ފުރަތަމަ ހައެއްކަމަސްތެރޭގައި މީހުން އަބަދުމެ ކިޔައި އުޅޭ 'ހަކުރުބޯ' މީހެއްގެ ސިފަ ނުޖެހޭ ކަމަށް ނުވަތަ އެބުނާ 'ސިކު' ނުވާކަމަށް ގަބޫލު ކުރެވޭތީއެވެ. އަދި އެންމެ ބޮޑު ސަބަބަކީ މިއީ ވަރަށް ބޮޑަށް މީހާ ކަންނެތްކަން ފިލުވައިލާކަހަލަ ގޮތަކަށްވެ، އެއްގޮތަކަށްވެސް ނުނިދި، އެެކުރަން އުޅޭ ކަމެއް ކުރާނެ ބުންވަރު ލިބޭކަމަށް ގަބޫލު ކުރެވޭތީއެވެ. އެކަމަކު އެއްވެސް ފަރާތަކަށް މިއީ ކިހާ ނުރައްކާތެރި އެއްޗެއްކަން އެނގޭބާވައެވެ.

މެތަންފެޓަމައިން ބޭނުން ކުރާ މީހުންގެ ކަރުން އެއްޗެހި ދިރުވަން އުނދަގޫވެއެވެ. އަމިއްލަ ދުނިޔެއެއްގައި އުޅެން ފަށައެވެ. ނުދައްކާ ވާހަކަ އިވުމާއި އަސްލުގައި ވުޖޫދުގައި ނެތް މަންޒަރުތައް ފެނުމާއި ކުއްލިއަކަށް ގަދަފަދައަށް ރުޅި އައުމާއި މީހާގެ ހަށިގަނޑު ނިކަމެތިވެ، އަނގައިގެ ދަތްތައް ހަލާކުވެ، ފީވެ، ބިނދި މިހެންގޮސް ކިތަންމެ، ކިތަންމެ ކަމެއް ދިމާވެއެވެ. އެހެންކަމުން މިއީ އެއްވެސް ހާލެއްގައި ޒަމާނީ ފެޝަނަކަށް ހަދައިގެން ބޭނުން ކުރަން ހެޔޮވާވަރުގެ މަސްތުވާ ބާވަތްތަކެއް ނޫނެވެ.

ރާއްޖޭގެ ޒުވާން ޖީލެއް ދިވެހީން މިއިން ޒަމާނަކުވެސް އަޑު ނާހާ ފަދަ އެތައް ނަންތަކެއް ކިޔާ މަސްތުވާ ބާވަތްތަކުގެ ތެރެޔަށް ގެނބިގެން ނެތި ދަނީއެވެ. ކަންމަތީ ފިހާރަޔަކުން އެޕޯލޯއެއް ގަތުންހާ ފަސޭހައިން މަސްތުވާ ބާވަތްތައް އެބޭނުންކުރާ މީހުންނަށް އެބަ ލިބެއެވެ. އެޅޭނެ ފިޔަވަޅެއް ހަމަ ނެތީހެއްޔެވެ؟ ތަހުގީގީ އިދާރާތަކާއި ތަންފީޒީ އިދާރާތަކުން މިހާރަށްވުރެ ބާރަށް ތެދުވާކަށް ނުވޭތޯއެވެ؟